ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ވެންޓިލޭޓަރު ގަތުމުގައި ކޮރަޕްޝަން ހިންގި ކަމަށް ބުނާ މައްސަލައިގައި ދުބާއީ ކުންފުނީގެ ވެރިޔާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރުމަށް އެދިއްޖެއެވެ.

ކޮވިޑް-19 ގެ އާލަމީ ވަބާއާ ގުޅިގެން ދިވެހި ސަރުކާރުން ހޯދަން އުޅުނު ވެންޓިލޭޓަރުތައް ނުލިބުމުގެ މައްސަލައިގައި، އެ މަސައްކަތް ހަވާލުކުރި ދުބާއީ ކުންފުނީގެ ވެރިޔާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރުމަށް ދިވެހި ފުލުހުންގެ ކިބައިން މިހާރު ވަނީ އެދިފައެވެ.

މިއަދު ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މި މައްސަލަ ހުށައެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމެވެ. ނާޒިމް ވިދާޅުވީ 2020 ވަނަ އަހަރު ހެލްތު މިނިސްޓްރީން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގެނައުމަށް މަސައްކަތްކުރި ނަމަވެސް، އޭގެ ތެރެއިން ގިނަ އަދަދެއްގެ ވެންޓިލޭޓަރު ލިބިފައި ނުވާކަމަށެވެ.

މި މައްސަލަ ދިވެހި ސަރުކާރުން ބޭރުގެ އާބިޓްރޭޝަނަށް ހުށަހެޅުމުން، އެ ކުންފުނިން ދިވެހި ދައުލަތަށް ޖުމްލަ 31.4 މިލިއަން ރުފިޔާ (2,023,750 ޑޮލަރު) ދޭންޖެހޭނެ ކަމަށް ކަނޑައަޅާފައިވެއެވެ. ނަމަވެސް މިހާތަނަށް އެ ފައިސާ ލިބިފައި ނުވާކަން ފާހަގަ ކުރެވެއެވެ.

"އެ މީހާ ވީތަނެއް ވެސް ނޭނގޭ. ރެސްޕޮންޑެއް ވެސް ނުކުރޭ. އެހެންވީމަ، ހަމަގައިމު ވެސް ޖިނާއީ މައްސަލައެއްގެ ގޮތުގައި ނެރެފައި އޭގެ އޯނަރު ހޯދާފައި ރެޑް ނޯޓިސް ނެރޭ ހިސާބުން އަޅުގަނޑުމެންނަށް އަތުވާނެ،" ނާޒިމް ވިދާޅުވިއެވެ.

މި މައްސަލައާއި ގުޅޭގޮތުން ނާޒިމް އިތުރަށް ވިދާޅުވީ، އެ މީހާ ހޯދިއްޖެނަމަ، އެ ފައިސާއިން ކުރި ކަންކަން އޮޅުންފިލުވައި، ރިޝްވަތުގެ ގޮތުގައި އިތުރު ބަޔަކަށް ފައިސާ ދިންކަން ނުވަތަ ނޫންކަން ވެސް ސާފުކުރެވޭނެ ކަމަށެވެ.

މިދިޔަ މާރިޗް މަހު، މާލިއްޔަތު ކޮމިޓީން ވަނީ މި މައްސަލައާ ގުޅިގެން ދުބާއީ ކުންފުންޏާ ދެކޮޅަށް ޖިނާއީ ތަޙުޤީޤެއް ކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން