ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލުން ދެމުންދާ ލާއިންސާނީ އަނިޔާތައް ހުއްޓާލަންދެން އެ ގައުމުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެނުވެވޭގޮތް ހެދުމަށް ކޮމެޓީން މިއަދު ފާސްކޮށްފިއެވެ.

އިސްރާއީލުގެ މީހުންނަށް ރާއްޖެ އެތެރެ ނުވެވޭގޮތަށް އެ ގައުމުގެ ޕާސްޕޯޓު މަނާކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލު ކޮމެޓީ މަރުހަލާގައި ގިނަ ދުވަސްތަކެއްވަންދެން ބޭއްވުމަށްފަހު މިއަދު ބޭއްވި ސަލާމަތީީ ހިދުމަތްތަކާ ބެހޭ ކޮމެޓީގައި ވަނީ އެ ބިލާ މެދު ގޮތެއް ނިންމާ ތަޅުމަށް ފޮނުވުމަށް ނިންމާފައެވެ.

ކޮމެޓީން އެ ބިލަށްވަނީ ގިނަ އިސްލާހުތަކެއް ހުށަހަޅާފައެވެ. އެގޮތުން، އެންމެ މުހިންމު އިސްލާހެއްގެ ގޮތުގައި ފާހަގަ ކުރެވެނީ، އިސްރާއީލް ޕާސްޕޯޓު ގެންގުޅޭ މީހުންނާއި އިސްރާއީލް ޕާސްޕޯޓު އޮންނަ އެހެން ގައުމެއްގެ މީހުންނަށް ވެސް ރާއްޖެ އައުން މަނާވާގޮތަށް އޮތް އޮތުން ބަދަލު ކުރުމެވެ. އޭގެ ބަދަލުގައި މިހާރު ހިމަނާފައިވަނީ، އިސްރާއީލް ޕާސްޕޯޓެއް ހުށަހަޅައިގެން ރާއްޖެ އަންނަން ހުށަހަޅާ މީހުންނަށް ނާދެވޭގޮތަށް ހެދުމަށެވެ.

ކޮމެޓީން އެގޮތަށް ނިންމި ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ، ޕާސްޕޯޓު މަނާކުރުމުގެ ކަންކަން ކުރެވެން އޮންނާނީ އެގޮތަށްކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މައުލޫމާތު ދިނުމާއި ގުޅިގެން ކަމަށެވެ.

އިސްރާއީލްގެ ގިނަ ބަޔަކީ ކޮންމެވެސް އެހެން ގައުމެއްގެ ވެސް ޕާސްޕޯޓު ގެންގުޅޭ މީހުންކަމަށްވާތީ މި އިސްލާހުގެ ސަބަބުން، އެފަދަ ޑުއަލް ޕާސްޕޯޓު ގެންގުޅޭ އިސްރާއީލުގެ މީހުންނަށް ރާއްޖެ އެތެރެވުމުގައި ހުރަހެއް ނޯންނާނެއެވެ.

އިސްރާއީލް ޕާސްޕޯޓުގެ މި މައްސަލައަކީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މިދިޔަ އަހަރުގެ މެއި 29 ގައި ހުށަހެޅުއްވި މައްސަލައެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން