ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމުގެ ބިލު ކޮމިޓީން މިހާރު ނިންމާފައި އޮތްގޮތުން އެހެން ގައުމެއްގެ ޕާސްޕޯޓުގައި އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫއަށް ވެސް ރާއްޖެ އާދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މައުރޫފް ވިދާޅުވީ ދިވެހިރާއްޖެއަށް އެތެރެވާ މީހުންގެ ޑުއެލް ޕާސްޕޯޓެއް އޮތްތޯ ނުވަތަ ނެތްތޯ ބެލުމުގެ ބާރު އިމިގްރޭޝަނަށް އޮންނާނެ ކަމަށެވެ. އަދި އެގޮތަށް އެކަން ކުރުމަކީ ދަތިކަމެއް ކަމަށް އިމިގްރޭޝަނުން ބުނާ ބުނުން ބަލައިގަންނަށް ދަތިކަމަށް މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވަނީ އެމްޑީޕީގެ މެންބަރު މީކާއީލް މަޖިލީހަށް ހުށައެޅި ބިލުގެ މުޅި މަޤްސަދު ގެއްލޭ ގޮތަށް މަޖިލީހުގެ ކޮމިޓީން ގެނައި ކޫސަނި އިސްލާޙުތަކުގެ ސަބަބުން އިޒްރޭލުގެ ބޮޑުވަޒީރާއި ކެބިނެޓާއި މިލިޓަރީ އިސްބޭފުޅުންނަށްވެސް ރާއްޖެ އެތެރެވުމަށް އޮތް ދޮރު ބަންދު ނުކުރެވޭ ކަމަށް ވިދާޅުވެފައެވެ.

“އެ ކޫސަނި ކަންތައްތަކުގެ ސަބަބުން މިވާ ގޮތަކީ މިހާރުގެ އިޒްރޭލުގެ ބޮޑުވަޒީރު ވެސް އެހެން ޕާސްޕޯޓެއްގައި ރާއްޖެއަށް އާދެވޭ.. އެއީ ކަންބޮޑުވުމަކީ." މައުރޫފް ވިދާޅުވިއެވެ.

ހަމައެއާއެކު މައުރޫފް ވަނީ ޑުއެލް ޕާސްޕޯޓެއް އޮންނަ މީހަކު ޑުއެލް ޕާސްޕޯޓް ނެތްކަމަށްބުނެ އޮޅުވާލައިގެން ރާއްޖެއަށް އެތެރެވެއްޖެނަމަ އެމީހަކު ހައްޔަރު ކުރުމުގެ ބާރު ދިވެހިރާއްޖޭގެ ތަންފީޒީ އިދާރާތަކަށް އޮންނާނެ ކަމަށްވެސް ވިދާޅުވެފައެވެ.

މައުރޫފް މިހެން ވިދާޅުވެފައިވާއިރު މެންބަރު މީކާއީލް އިމިގްރޭޝަން ޤާނޫނަށް ހުށައެޅުއްވި އިސްލާޙުގައި އޮތީ އިޒްރޭލް ޕާސްޕޯޓު ގެންގުޅޭ މީހުންނާއި އިޒްރޭލް ޕާސްޕޯޓާއެކު އެހެން ގައުމެއްގެ ޕާސްޕޯޓް ގެންގުޅޭ މީހުންނަށް ވެސް ރާއްޖެ އެތެރެ ނުވެވޭނެ ކަމަށެވެ.

ނަމަވެސް އެ މައްސަލަ ދިރާސާ ކުރި މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ފާސްކޮށްފައި ވަނީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓައިލަންދެން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެއްވެސް މީހަކަށް ނާދެވޭ ގޮތަށެވެ.

އިޒްރޭލުގެ އަނިޔާވެރިކަން ހައްދުފަހަނަ އަޅާފައިވާއިރު އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ކުރަންޖެހޭ ކަންކަން ސިޔާސީ ޚިޔާލު ތަފާތުވުންތަކަށް ބެލުމެއްނެތި މަޖިލިސް ތެރެއިން އަވަހަށް ކުރާނެ ކަމަށް ރައީސް ޑރ. މުޢިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ނަމަވެސް އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނުގެ އެއްވަނަ މާއްދާގެ (ހ) ގެ ހަތް ވަނަ ނަމްބަރުގެ ފަހަތަށް ނަމްބަރެއް އިތުރު ކުރުމަށް އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހަށް ހުށައެޅުއްވި އިސްލާހު މަޖިލީހުގެ ކޮމިޓީ މަރުހަލާގައި އޮންނަތާ 8 މަހަށްވުރެ ގިނަ ދުވަސްވަނީ ވެފައެވެ.

އަދި އެބިލުގެ މަސައްކަތް މަޖިލީހުގެ ކޮމިޓީން އިއްޔެ ނިންމާފައި ވާއިރު، މިއަދު އެބިލަށް މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން