މަސައްކަތްތެރިކަމާއި ފަންނީ ދާއިރާއިން ތަމްރީނު ވުމަށް މާލޭގެ ރަަށްވެހިންގެ ތެރެއިން 50 ފަރާތަކަށް ސްކޮލާޝިޕް ފުރުޞަތު ހުޅުވާލައިފިއެވެ.

މި ސްކޮލަޝިޕްތަކަކީ ސްޓްރޯންގް ސިޓީޒް ނެޓްވޯކްގެ އޭޝިއާ ޕެސިފިކް ރީޖަންގެ އެހީތެރިކަމާއެކު، މަސައްކަތްތެރިކަމާއި، ފަންނީ ތަމްރީނަށް ހުޅުވާލި ފުރުޞަތުތަކެކެވެ. އެގޮތުން ކައުންސިލުން ވަނީ މައިގަނޑު ހަ ދާއިރާއަކަށް ސްކޮލާޝިޕް ފުރުޞަތު ހުޅުވާލާފައެވެ.

މި ސްކޮލާޝިޕްތަކާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނީ މި ސްކޮލާޝިޕްތަކުގެ ދަށުން ތަމްރީނު ދެވޭނެ ދާއިރާތަކަކީ ހެލްތު ކެއަރ އެންޑް ސޯޝަލް ކެއަރ، ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ، ޓީޗަރުންނާއި ތަޢުލީމީ ދާއިރާގެ ޕްރޮފެޝަނަލުން، އައިޓީ އާއި ޑިޖިޓަލް ޕްރޮފެޝަންތައް، ރީޓެއިލް، ހޮސްޕިޓަލިޓީ އަދި ކަސްޓަމަރ ސަރވިސް، އަދި އެގްރިކަލްޗަރއެވެ.

ކައުންސިލުން ބުނީ މި ތަމްރީނު ޕްރޮގްރާމްތައް ކުރިއަށްދާނީ ޕާކިސްތާނުގައި ކަމަށެވެ. އަދި ސްކޮލާޝިޕްގެ ދަށުން މާލެއިން ޕާކިސްތާނަށް ދަތުރުކުރުމުގެ ޚަރަދާއި، ހުރުމާއި ކެއުމުގެ ޚަރަދު އަދި ކޯސް ފީ ހިމެނޭނެ ކަމަށް ކައުންސިލުން ބުންޏެވެ. މި ތަމްރީނު ޕްރޮގްރާމްތަކުގެ މުއްދަތަކީ 12 ހަފްތާއާއި 24 ހަފްތާއާ ދެމެދުގެ މުއްދަތެކެވެ.

މި ސްކޮލާޝިޕް ފުރުޞަތުތަކަށް ކުރިމަތިލެވޭނީ މާލެ ސިޓީގައި ރަށްވެހިވެފައިވާ، 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. އަދި ދަށްވެގެން ގްރޭޑް ދިހައަކާ ހަމައަށް ތަޢުލީމު ޙާޞިލްކޮށްފައިވާ، އިނގިރޭސި ބަހުން މުޢާމަލާތުކުރަން ދަންނަ ފަރާތްތަކަށް ވާން ޖެހެއެވެ.

މި ފުރުޞަތުތަކަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 20 އޭޕްރީލް 2025 ވާ އާދީއްތަ ދުވަހުގެ 14:00 އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން