ޖާހު ގެ ދަ ގާޑަންސް ޕްރޮޖެކްޓު
ޖާހު ގެ ދަ ގާޑަންސް ޕްރޮޖެކްޓު
އެޗްޑީސީން، ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ “ދަ ގާޑެންސް” ހައުސިންގ ޕްރޮޖެކްޓް އަތުލުން ހުއްޓުވުމުގެ އަމުރު ނުދިނުމަށް ސިވިލްކޯޓުން ނިންމައިފިއެވެ.

ހުޅުމާލޭގައި 2017 ވަނަ އަހަރު ތަރައްގީކުރަން ފެށި “ދަ ގާޑަންސް” ޕްރޮޖެކްޓް ނިންމުމަށްޓަކައި އެކި ފަހަރު މަތިން ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް، އެޗްޑީސީން މުއްދަތު އިތުރުކޮށްދިން ނަމަވެސް މިއަދާ ހަމައަށްވެސް ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް އެ ޕްރޮޖެކްޓް ނިންމާލެވިފައެއް ނުވެއެވެ.

އެހެންކަމުން އެޗްޑީސީން ވަނީ ޖާހު އިންވެސްޓްމަންޓާއެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސް ޕްރޮޖެކްޓް ހިންގަމުންދާ ބިމާއީ ޙަވާލުވުމަށް ނިންމާފައެވެ. އަދި އެތަނުގެ މަސައްކަތްތައް ނިންމުމުގެ ކަންކަން ރޭވިފައިވާ ގޮތުގެ މައުލޫމާތު އެޕާޓްމެންޓު ގަނެފައި ތިބި މީހުންނަށް ހިއްސާ ކުރަމުންދާނެ ކަމަށް އެޗްޑީސީން މީގެ ކުރިން ބުނެފައިވެއެވެ.

އެޗްޑީސީން މި އެއްބަސްވުން ނިމުމަކަށް ގެނައުމާއި ގުޅިގެން ޖާހުގެ ފަރާތުން ސިވިލްކޯޓުގެ ހުޅުމާލޭ ޑިވިޝަނަށް ހުށަހެޅި މި މައްސަލާގައި އެކުންފުނިން ބުނީ އެޗްޑީސީން އެއްބަސްވުން ބާތިލްކޮށްފައި ވަނީ ގޯސްކޮށް ކަމަށްވާތީ، ޕްރޮޖެކްޓް އަތުލުން ހުއްޓުވުމުގެ އަމުރެއް ނެރެދިނުމަށެވެ.

ނަމަވެސް މި މައްސަލާގައި ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނުން ކުރި ހުކުމްގައި ބުނީ ޖާހުގެ ފަރާތުން ހޯދަން އެދިފައިވާ އަމުރު ނެރޭނެ ތަނެއް ނެތް ކަމަށެވެ.

ދާދި ފަހުން ސިވިލް ކޯޓުން ވަނީ ޖާހު އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުގެ އެކައުންޓުތަކުގައި ހުރި ފައިސާތައް ހިފެހެއްޓުމަށް ރާއްޖެ ބޭންކުތަކަށް ވެސް އަންގާފަ އެވެ.

ޖާހުން ހުޅުމާލޭގައި ތަރައްޤީކުރަމުން އަންނަ “ދަ ގާޑެންސް” އިމާރާތުގައި 28 ސުއިޓާއި 55 ވިލާ ހިމެނޭހެން ޖުމުލަ 83 ލަގްޒަރީ ޔުނިޓު ހުންނައިރު މިއަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު އެޗްޑީސީން ވަނީ އެއްބަސްވުން ބާތިލު ކުރުމުގެ އެންމެ ފަހު މަރުހަލާގެ ދަށުން ދޭ ނޯޓިސް ދިނުމަށްފަހު މިދިޔަ މަހު އެ އެއްބަސްވުން ބާތިލުކޮށްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން