އަހުމަދު ޔާމިން   10 ސެޕްޓެމްބަރު 2020 - 20:24
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގުމުގައި ދާއިރާތަކުގެ މެދުގައި ތަފާތުކުރާކަމަށް ބުނެ ދެ ވަޒީރަކާ ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

މެމްބަރު ސިރާޖު ހުށަހެޅުއްވީ، ޕްލޭނިން އަދި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާ ސުވާލު ކުރުމަށެވެ.

އޭނާ ކުރެެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕްރޮޖެކްޓްތަކުގައި ސޮއި ކުރުމުގައި ދާއިރާތަކުގެ މެދުގައި ގެންގުޅޭ ތަފާތުކުރުން ނައްތާލަންޖެހޭ ކަމަށެވެ. އެގޮތުން ލ. ފޮނަދޫ މަގު ހެދުމުގެ މަޝްރޫއު މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވަނިކޮށް، އެ މަޝްރޫއުގައި ސޮއި ނުކޮށް، ބަޖެޓްގައި ހިމެނިފައިނުވާ ދުވާފަރުގެ މަގު ހެދުމުގެ މަޝްރޫއުގައި ސޮއި ކޮށްފައިވާކަމަށް ސިރާޖު ވިދާޅުވިއެވެ.



ސިރާޖުގެ ސުވާލުތަކުގައި ވަނީ، ބަޖެޓުގައި ހިމެނިފައި ނުވާ މަޝްރޫއުތަކަށް ސޮއި ކުރުމުގައި އަމަލު ކުރަމުން އަންނަ ގޮތާއި އެކަން ކުރާ އުސޫލަކީ ކޮބައިކަން ސާފުކުރުމަށެވެ. އަދި ފޮނުދޫ މަގު ހެދުމުގެ ދެވަނަ ފޭސްގެ މަޝްރޫއު ބަޖެޓުގައި ހިމެނިފައިވަނިކޮށް، އޭގައި ސޮއި ނުކޮށް، ދުވާފަރު މަޝްރޫއުގައި ސޮއި ކުރީ ކޮން އުސޫލަކުންތޯ އާއި ބިމުގެ ގޮތުން ބޮޑު ފޮނަދޫއަށް އިސްކަން ނުދީ، ބިމުގެ ގޮތުން މާ ކުޑަ ދުވާފަރުގެ މަގު ހެދުމަށް އިސްކަން ދޭން ޖެހުނީ ކީއްވެގެންތޯ ސިރާޖު އައްސަވާފައިވެއެވެ.

މީގެ އިތުރުން ކޯވިޑް-19 އާ ގުޅިގެން ޕްރޮޖެކްޓްތައް ހިންގުން މަޑުޖައްސާލާފައި އޮއްވައި ބަޖެޓުގައި ނުހިމަނާ އޮތް މަޝްރޫއަކަށް 37 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ނިންމީ ކޮން އުސޫލަކުންތޯ ވެސް ސިރާޖު އައްސަވާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު