ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް
ސަރުކާރުގެ އަމާޒަކީ އަތޮޅުތެރޭގެ ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް އިތުރަށް ހަރުދަނާކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާން މިހެން ވިދާޅުވީ ރާއްޖޭގެ ފަސް ސަރަޙައްދުގައި ޤާއިމްކޮށްފައިވާ ރީޖަނަލް ހޮސްޕިޓަލުތަކުގައި ހުރި ބައެއް މައްސަލަތަކާއި، އެތަންތަނުން ދެމުންދާ ޞިއްޙީ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކުގެ ބޭފުޅުންނާއެކު މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކޯވިޑް ގެ މި ޙާލަތުގައި އަތޮޅުތަކުގެ ހޮސްޕިޓަލުތަކުން ދެމުންދާ ޚިދުމަތްތައް އިތުރަށް ފުޅާވެގެންގޮސްފައިވާކަމަށާއި، ކުރިން ނުދެވޭ ބައެއް ބޮޑެތި ޚިދުމަތްތައް އެތަންތަނުން މިހާރު ދޭން ފަށާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި، އެމަނިކުފާނު ވަނީ ސަރުކާރުގެ އަމާޒަކީ އަތޮޅުތަކުގެ ހޮސްޕިޓަލްތަކުގެ ޞިއްޙީ ޚިދުމަތް އިތުރަށް ތަރައްޤީކޮށް، ފަރުވާ ލިބިގަތުމަށް މާލެ ސަރަޙައްދަށް އަންނަން ނުޖެހޭނެފަދަ ގޮތަކަށް ކަންކަން ބައްޓަންކުރުންކަމުގައި ވިދާޅުވެފައެވެ.

އަދި މިފަދަ ދަނޑިވަޅެއްގައި ލާމަރުކަޒީ އުޞޫލުން ކަންކަން ކުރިޔަށް ގެންދިޔުމަށް މަގުފަހިވާނެހެން ހެލްތް މިނިސްޓްރީއިން މަސައްކަތްކޮށްދެއްވުމުގެ މުހިންމުކަން ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންނަށް ރަނގަޅު ޞިއްޙީ ޚިދުމަތެއް ފޯރުކޮށްދިނުމުގައި ކަމާގުޅޭ ހުރިހާ އިދާރާތައް ރަނގަޅަށް މުޢާމަލާތްކޮށް، ގުޅިގެން މަސައްކަތްކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ރީޖަނަލް ހޮސްޕިޓަލްތަކުގެ އިސްވެރިން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، އިންސާނީ ވަޞީލަތްތައް ހޯދުމުގައި ދިމާވާ ދަތިތަކާއި، ޚާއްޞަކޮށް ޑޮކްޓަރުންނާ ނަރުހުން މަދުވުމުން ދިމާވާ ދަތިތަކާއި، ޞިއްޙީ ފަރުވާ ދިނުމަށް ބޭނުންވާ ބައެއް ސާމާނު ލިބުމުގައި ހޭދަވާ ވަގުތާއި، އެކަށީގެންވާ ޢަދަދަކަށް ބޭހުގެ ސްޓޮކް ލިބުމުގައި ދިމާވާ ދަތިތައް ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، ވަކި ވަކި ހޮސްޕިޓަލުތަކުގައި ދިމާވާ ގޮންޖެހުންތަކުގެ އިތުރު ތަފްޞީލުތައް ވެސް ވަނީ ބައްދަލުވުމުގެ ބައިވެރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުވުމުގައި އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ހުސައިން ޢަމްރު ވަނީ އަތޮޅުތެރެއަށް ބޭސް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށް މަސައްކަތްތަކެއް ކުރެވެމުން ދާކަން ފާހަގަކުރައްވައި، އެކަމުގެ ތަފްޞީލުތައް ހާމަކުރައްވާފައެވެ.

އޮންލައިންކޮށް މިއަދު މެންދުރުފަހު ބޭއްވި މި ބައްދަލުވުމުގައި، ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި، ލ. ގަން ރީޖަނަލް ހޮސްޕިޓަލާއި، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓްލާއި، ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އިސްވެރިންގެ އިތުރުން، ހެލްތް މިނިސްޓްރީގެ އިސް ބޭފުޅުންނާއި، އާސަންދަ އަދި އެސްޓީއޯގެ އިސްވެރިންގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއް އިސް ވެރިން ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން