ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ
ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ
އިންޑިއާ ސިފައިންނާއި ގުޅުވައިގެން އިދިކޮޅު ފަރާތްތަކުން ދައްކަނީ ފިތުނަވެރި ވާހަކަތަކެއް ކަމަށާއި، އިންޑިއާ އަކީ ރާއްޖޭގެ މިނިވަންކަމަށް އޮތް ނުރައްކަލެއް ނޫން ކަމަށް ދިވެހި އަސްކަރިއްޔާގައި ހިދުމަތް ކުރެއްވި އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރުކަން ކުރެއްވި ބްރިގޭޑިއާ ޖެނެރަލް ރިޓަޔާރޑް އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރިޓަޔާޑް އިބްރާހިމް ދީދީ ވިދާޅުވީ، އެކި ދުވަސްވަރު އެކި މުއްދަތަށް ދިވެހި ސިފައިން ތަމްރީން ކުރުމަށް ބޭރުގެ ސިފައިން ރާއްޖޭގައި ތިބި ކަމަށާއި އެއީ ރާއްޖޭގެ މިނިވަންކަން ގެއްލިގެންދާނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން މީގެ ކުރިން ވެސް ރަޝިޔާއާއި ލިބިޔާ އާއި ޢިރާޤާއި، އިންޑިއާއާއި، އިނގިރޭސިންނާއި އެމެރިކާ ސިފައިން ވަނީ ދިވެހި ސިފައިން ތަމްރީން ކުރުމަށް ރާއްޖޭގައި ޙަރަކާތްތެރިވެފައި ކަމަށާއި، ދިފާޢީ ގުޅުންތަކުގެ ސަބަބުން ޤައުމުގެ މިނިވަންކަން ނުގެއްލޭނެ ކަމަށް ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް ދީދީ ވިދާޅުވިއެވެ.

"މި ޒަމާނުގައި ގައުމުތަކުގެ ސިޔާސީ މިނިވަންކަން އެއީ އެހާ ފަސޭހައިން ގެއްލޭ އެއްޗެއް ނޫން، ސިޔާސީ ފައިދާއަށް އަވަށްޓެރި ގައުމުތަކާ ޖެހިގަނެ ސަރަހައްދީ ގައުމުތައް ޖައްސަން މަސައްކަތް ކުރުމަކީ ގައުމަށް މާ ނުކުރައްކާ ގައުމުގެ ސަލާމަތަށް މާ ނުރައްކާވާ ކަންކަން." އިބްރާހިމް ދީދީ ވިދާޅުވިއެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން "އިންޑިއާ އައުޓް" ގެ ނަމުގައި ކެމްޕޭނެއް ކުރިއަށް ގެންދާއިރު، "ގައުމު ވިއްކާލުމާ ދެކޮޅަށް" ނަމުގައި އިދިކޮޅު ކޯލިޝަނުން ވަނީ މަގުމަތީ ހަރަކާތްތަކެއް ވެސް ފަށާފައެވެ. އެކަމާ ގުޅިގެން ރިޓަޔަރޑް ދީދީ ވިދާޅުވީ، އިންޑިއާ ކޯސްޓްގާޑްގެ ދެ ހެލިކޮޕްޓަރާއި އޭގެ ކްރޫ ރާއްޖޭގައި ތިބީ ސަރުކާރުގެ ހުއްދައާއެކު ކަމަށާއި، "މިޒަމާނުގައި ޤައުމުތަކުގެ ސިޔާސީ މިނިވަންކަމާއި، ޤައުމުތަކުގެ ސަރަޙައްދީ އިމަކީ އދ. އިން ކަނޑައަޅާ ކަންތައްތަކެއް،" ކަމަށެވެ.

ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް ދީދީ ވިދާޅުވީ، މިއުޅެނީ އިންޑިއާގެ ފަރާތުން ދިވެހި ރާއްޖެއަށް އެއްވެސް ނުރައްކަލެއް އޮވެގެން ނޫން ކަމަށާއި، ރައީސް ޔާމީންގެ ވެރިކަމުގައިވެސް އެމަނިކުފާނު އިންޑިއާއާއި އަސްކަރީގޮތުން އޮތްގުޅުން ބަދަހި ކުރެއްވީ އެހެންވެގެން ކަމަށެވެ. އިދިކޮޅު ފަރާތްތަކުން އުޅެނީ ފިތުނަ އުފައްދަން ކަމަށާއި، އެކަމާ ދެކޮޅަށް ނިކުންނެވީ އެހެންވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެމްއެންޑީއެފް އާއި ފުލުހުންގެ ތެރޭގައި ފިތުނަ އުފައްދާ ވެރިކަމުގެ ދަހިވެތި ކަމުގައި އެ ދެ މުއައްސަސާ ޚަރާބު ކުރާނަމޭ ހިތާ ހިންގާ މުޑުދާރު ކެމްޕެއިނެއް މީ. އެހެންވީމާ މިކަމާ ދެކޮޅަށް އަޅުގަނޑު މި ތެދުވީ." ދީދީ ވިދާޅުވިއެވެ.

ރާއްޖޭގައި އިންޑިއާއިން ހަދިޔާކުރި ދެ ހެލިކޮޕްޓަރ އޮންނައިރު އެއް ހެލިކޮޕްޓަރު އޮންނަނީ އައްޑު އަތޮޅު ގަމުގައެވެ. އަދި އަނެއް ހެލިކޮޕްޓަރު ބާއްވާފައި އޮންނަނީ ލ. ކައްދޫގައެވެ. މި ދެހެލިކޮޕްޓަރު ދުއްވާ ބަލަހައްޓަނީ ފެށުނީއްސުރެ އިންޑިއާ ސިފައިންނެވެ. ރާއްޖޭގެ ސިފައިންނަށް ހެލިކޮޕްޓަރ ދުއްވަން ދަސްނުކޮށްދޭތީއާއި ދެ ހެލިކޮޕްޓަރު ބަލަހައްޓަން ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭތީ އިދިކޮޅު ފަރާތްތަކުން މިހާރު ފާޑުކިޔަމުން ގެންދިއަ ނަމަވެސް އިދިކޮޅު ފަރާތްތަކުން ސަރުކާރުގައި ތިބިއިރު އެކަމަށް ފާޑުކިޔާ އެކަމާއި ދެކޮޅު ކެމްޕޭނެއް ހިންގާފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން