ރައުދު
ރައުދު
މިދިޔަ މަހުގެ 18 ވަނަ ދުވަހު ހައްވާ ޔުމްނު ރަޝީދު މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓުނު ހާދިސާއާ ގުޅިގެން އެ މައްސައިގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލު އަނެއްކާވެސް ފަސް ދުވަހަށް ބަންދުކޮށްފި އެވެ.

ރައުދު ހައްޔަރުކުރީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. އަދި އޭގެ ފަހުން ހަތަރު ފަހަރެއްގެ މަތިން އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ފަހު މުއްދަތުވެސް ހަމަނުވަނީސް ފުލުހުން އިއްޔެ ވަނީ ރައުދު ދޫކޮށްލުމަށް ފަހު އަލުން އޭނާ ހައްޔަރުވެސްކޮށްފަ އެވެ.

ފުލުހުން އިއްޔެ ރައުދު ދޫކޮށްލީ އޭނާ ބަންދުކުރި މައްސަލައިގެ އިސްތިއުނާފްގެ އަޑު އެހުމެއް ހައި ކޯޓުގައި ފަށަން ކައިރި ވެފައި ވަނިކޮށެވެ.

ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ އޭނާގެ ބަންދަށް އިތުރު ފަސް ދުވަސް ޖަހައިދީފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުން ބަންދުގެ މުއްދަތުވެސް ހަމަނުވަނީސް އިއްޔެ ރައުދު ދޫކޮށްލުމުން ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހުންނެވީ ހިތްހަމަނުޖެހިފަ އެވެ.

ރަސްއަށް އެނގިފައިވާ ގޮތުން ރައުދު, ޔުމްނު ވައްޓާލިކަމުގެ އެއްވެސް ހެއްކެއް ފުލުހުންނަކަށް ނުފެނެ އެވެ.

އެހެން ނަމަވެސް އަލުން ހައްޔަރުކުރީ ޔުމްނު ވެއްޓުނު ހާދިސާ ރިޕޯޓްނުކޮށް ދިޔަ މައްސަލައިގަ އެވެ.

ޔުމްނު ވެއްޓުނު ރޭ ދެ މީހުން ވަރަށް ގައިގޯޅިކޮށް އުޅުނުއިރު ހަމަ އެރޭ ޔުމްނުއާ ދެމެދު ހަމަނުޖެހުމެއް ވެސް ހިނގިކަމަށް ރައުދު ބުނެފައި ވާކަމަށް ވެއެވެ.

ނަމަވެސް ސީސީޓީވީ ފުޓޭޖުތަކުން ފެންނަގޮތުން ޔުމްނު ވެއްޓުނުކަން ރައުދުއަށް އެނގިގެން ޔުމްނު ހޯދަން އެ ދެ މީހުން އުޅުނު އިމާރާތުގެ އެކި ފްލޯތަކަށް އަރާ ކުޑަދޮރުން ބަލައި ރައުދު ހެދިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން