ދެމެހެއްޓެނިވި ތަރައްގީއެއް ހޯދޭނީ މައި ސަރުކާރުން ރަށްފުށުގެ ކައުންސިލްތަކަށް އިހުތިރާމު ލިބިގެންވާފަދަ ގުޅުމެއް ގާއިމުކޮށްގެންކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ، މާލެ ސިޓީ ކައުންސިލާއި މޯލްޑިވްސް ލޯކަން ކައުންސިލް އެސޯސިއޭޝަން (އެމްއެލްސީއޭ) ގުޅިގެން އިންތިޒާމުކޮށްގެން މިއަދު މާލޭގައި ފެށި "ކައުންސިލްތަކުގެ އަހަރީ އާންމު ކޮންފަރެންސް" ގައި ވާހަކަ ދައްކަވަމުންނެވެ.

އެ ކޮންފަރެންސްގައި އާޒިމް ވިދާޅުވީ، ރައްޔިތުންގެ ކަންބޮޑުވުންތަކާއި އޭގެ ހައްލު އެންމެ ފުރިހަމަ ގޮތުގައި ހޯދޭގޮތަށް އޮންނަ ނިޒާމަކީ ލާމަރުކަޒީ ނިޒާމު ކަމަށެވެ. އަދި ވަކިވަކި ކުރުމާއި ބާކީ ކުރުން އެއީ އެ ނިޒާމު ދަންނަކަމެއް ނޫންކަމަށް އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ގައުމީ ތަރައްގީގައި އިސްކަންދޭ ތަރުތީބުގެ ތެރެއަށްވެސް ރަށްފުށުގެ ތަރައްގީ ވައްދައިގެން ނޫނީ ދެމެހެއްޓެނިވި ތަރައްގީ ނުހޯދޭނެ ކަމަށެވެ. އަދި އެކަން ކުރުމަށްޓަކައި ސަރުކާރާއި ރަށްފުށުގެ ކައުންސިލްތަކާއި އިހުތިރާމު ލިބިގެންވާ އީޖާބީ ގުޅުމެއް ގާއިމުވެފައި އޮންނަން ޖެހޭކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، ރައްޔިތުންނަށް ބާއްޖަވެރި އުފާވެރި މުސްތަގުބަލެއް ހޯދޭނީ ލާމަރުކަޒީ ނިޒާމު ފުރިހަމައަށް ހިންގިގެން ކަމަށެވެ.

އާޒިމް މިހެން ވިދާޅުވެފައިވާއިރު ލާމަރުކަޒީ ނިޒާމް ޗެމްޕިއަން ކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެންމެ އިސްކަމެއް ދެއްވާ އެއް ސިޔާސަތެވެ. އެގޮތުން ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއަކީ ކައުންސިލްތަކާއި މައި ސަރުކާރާއި ގުޅުން ބަދަހިކޮށް އެހީތެރިކަން ދިނުމަށް އުފެއްދާފައިވާ މިނިސްޓްރީއެކެވެ.

މިއަދު ފެށި ކޮންފަރެންސްގައި ރާއްޖޭގެ ގިނަ އަދަދެއްގެ ކައުންސިލްތަކާއި ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާއި ބޭރުގެ ބައެއް ޖަމިއްޔާ ޖަމާއަތްތަކުން ވެސް ބައިވެރިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން