އަލްހާން ފަހުމީ (ވ). ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް (ކ).
އަލްހާން ފަހުމީ (ވ). ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް (ކ).
އިދިކޮޅު ޕާޓީތަކަށް ތަނެއް ދޮރެއް ނޭނގޭ ކަމަށް ވިދާޅުވެ، މާލޭސިޓީ މޭޔަރުކަމަށް އަމިއްލަ ޙައިސިއްޔަތުން ވާދަ ކުރަށްވާ އަލްހާން ފަހުމީ އިދިކޮޅު ކޯލިޝަނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ހުރިހާ ކަމެއް ތަންފީޒު ކުރަމުން ދަނީ އިންޑިޔާ އިން އޯޑަރ އަންނަ ގޮތަށް ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެފައި ވާތީ "ރަސް އޮންލައިނުން" ގެނެސްދިން ޚަބަރު ރިޓްވީޓް ކުރައްވައި އަލްހާން ވަނީ އިދިކޮޅު ފަރާތްތަކަށް ހަމަ ތަނެއް ދޮރެއް ނޭނގެނީ ކަމަށް ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.



ޒުވާނުންތަކެއް އިސްނަގައިގެން އަޅުވެތިކަމާއި ދެކޮޅަށް ކަމަށް ބުނެ އިއްޔެ ހަވީރު މާލޭގައި ބޭއްވި ސައިކަލު ބުރު ފުލުހުން ހުއްޓުވުމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ސައިކަލް ބުރު ހުއްޓުވަން ދިން އޯޑަރަކީ ދިވެހި ރައްޔިތަކު ދޭނެ އޯޑަރެއް ނޫން ކަމަށެވެ. އެއީ ދިވެހިން ދެކެ އިންތިހާއަށް ރުޅި އަންނަ ބަޔަކު ދިން އޯޑަރެއްް ކަމަށް ޝިޔާމް ތުހުމަތުކުރެއްވިއެވެ. އަދި މިހާރު މިގައުމު މިހިންގަނީ މިގައުމުގައި ތިބި ބަޔަކު ނޫން ކަމަށާ މިގައުމު ހިންގަނީ އަވައްޓެރި އިންޑިއާއިން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން އިއްޔެ ބޭއްވި ސައިކަލުބުރާއި ގުޅިގެން އަލްހާން ވިދާޅުވީ ޤައުމުގެ ޒުވާނުން ލައްވާ ހައިޖާނު ހައްދާ ރަށުތެރެ ހަލަބޮލިކޮށްގެން އިދިކޮޅު ޕީޕީއެމުން ކުރަނީ ދެރަވަރު، އަމާޒެއް އަސާސެއް ނެތް މުޒާހަރާތަކެއްކަމަށެވެ. އަދި އެ ކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާކަމަށް ވެސް އަލްހާން ވިދާޅުވިއެވެ. މީގެއިތުރުން އިއްޔެ ފުލުހުން ޢަމަލުކުރެއްވީ ވަރަށް ހެޔޮކޮށްކަމަށާއި އެކަމަށް ޝުކުރު ދަންނަވާކަމަށް އަލްހާން ވިދާޅުވިއެވެ.

އިއްޔެ ހަވީރު ބޭއްވި ސައިކަލު ބުރުގައި ބައިވެރިވި ބައެއް ޒުވާނުން ހައްޔަރުކޮށް ބައެއް ސައިކަލުތައް ފުލުހުން ވަނީ ޓޯކޮށްފައެވެ. މިކަމާއި ގުޅިގެން ފުލުހުން ކުރި ޓްވީޓެއްގައި ވަނީ 41 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ބުނެފައެވެ. އިއްޔެގެ މުޒާހަރާގައި ގިނަ ޒުވާނުންތަކެއް ހައްޔަރުކޮށްފައިވަނިކޮށް އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ އެ މުޒާހަރާ އިންތިޒާމް ކުރީ އިދިކޮޅުން ނޫން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން