ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
ދިވެހިރާއްޖެ އާއި، އެމެރިކާގެ ގުޅުމަކީ ދުނިޔޭގެ ސުލްހައަށް މަސައްކަތް ކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ދިފާއީ އަދި ސަލާމަތީ ގުޅުން އިތުރަށް ވަރުގަދަކުރުމަށްޓަކައި ދިވެހިރާއްޖެއާއި، އެމެރިކާ ސަރުކާރުން ގުޅިގެން "ފްރޭމްވަރކް ފޮރ ޔޫ.އެސް ޑިޕާޓްމަންޓް އޮފް ޑިފެންސް - މޯލްޑިވްސް މިނިސްޓްރީ އޮފް ޑިފެންސް - ޑިފެންސް އެންޑް ސެކިއުރިޓީ ރިލޭޝަންޝިޕް" ގެ ނަމުގައި އެކުލަވާލި ފްރޭމްވޯކްގައި ދެޤައުމުގެ ފަރާތުން މިދިޔަ ހޮނިހިރު ދުވަހު ވަނީ ސޮއިކޮށްފައެވެ.

އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީގެ މުޤައްރިރު އިބްރާހިމް ޝަރީފް ވިދާޅުވީ، އެމެރިކާ އާއި ދިވެހިރާއްޖެއާ ދެމެދު ޤާއިމްކުރެވުނު މި ގުޅުމަކީ ދިވެހިރާއްޖެ އާއި، މިސަރަޙައްދާއި، ދުނިޔެއަށް ވެސް އެހީތެރިކަން ފޯރުކޮށްދެވޭނެ ގުޅުމެއް ކަމަށެވެ. އަދި މިއީ ދުނިޔޭގެ ސުލްހަ އަށް މަސައްކަތް ކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އެމެރިކާ އާއި ދިވެހިރާއްޖޭގެ މިގުޅުން ވެގެންދާނީ މިސަރަހައްދުގެ އަދި ދުނިޔޭގަވެސް ތަރައްގީގެ މަސައްކަތުގައި ނުފޫޒުގަދަ ރަނގަޅު ގުޅުމަކަށް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ބަދަލުވަމުންދާ ސިޔާސީ، އިގްތިސާދީ އަދި ސަލާމަތީ ގުޅުންތަށް ވަރުގަދަ ކުރުމަކީ ދެފަރާތް އެއްބަސްވާގޮތަށް އުފެދޭ ގުޅުންތަކަށް ނުފޫޒު ފޯރުވޭނޭ ގުޅުން ތަކެއް ކަމަށް ގަބޫލު ކުރަން ޖެހޭނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.

މި އެއްބަސްވުމަކީ ކުޑަ ގައުމަކާ ބާރުގަދަ ގައުމަކާ ދެމެދު ވެވުނު އެއްބަސްވުމެއް ކަމަށާއި، މި އެއްބަސްވުމުން ދިފާއީ އަދި ސަލާމަތީ ކަންކަމުގައި ދެގައުމުގެ ގުޅުން ބަދަހިވުމާއި މި ސަރަހައްދަށް ބޭނުންވާނޭ ސަލާމަތީ އެހީތެރިކަމާއި ސުލްހަ ހިފަހައްޓަން މަސައްކަތް ކުރެވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ، ދިވެހިރާއްޖެ އަކީ މިހާތަނަށްވެސް ސުލްހަ އަށް މަސައްކަތް ކުރަމުންދާ ގައުމެއް ކަމަށާއި، އަދި ދިވެހިރާއްޖެ އިން ޚާރިޖީދާއިރާގައި ކުރަމުންދާ މަސައްކަތްތަކުން ދޭހަވަނީ ދިވެހިން ގަބޫލު ކުރާ ޤަބޫލުކުރުންތަކާއި، ސުލްޙައަށްދޭ އަހައްމިއްޔަތު ކަން ކަމަށެވެ.

ރާއްޖެއާއި އެމެރިކާ އާއި ދެމެދު އެކުލަވާލާފައިވާ ފްރޭމްވަރކްގެ ދަށުން، ދެޤައުމުގެ ދިފާޢީ އަދި ސަލާމަތީ ދާއިރާގައި ހިމެނޭ ވެރިންގެ މެދުގައި މަޝްވަރާ ބައްދަލުވުންތައް ބޭއްވުމާއި، ދިވެހިރާއްޖޭގެ ދިފާޢީ މުއައްސަސާ އިތުރަށް ހަރުދަނާކުރުމާ ބެހޭ ޙަރަކާތްތައް ހިންގުމަށް ފުރުޞަތު ތަނަވަސްކުރުމާއި، މެރިޓައިމް ސެކިއުރިޓީ ނުވަތަ ކަނޑުމަގުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި އެއްބާރުލުން އިތުރުކުރުމާއި، ނިރުބަވެރިކަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތްތައް ހަރުދަނާކުރުމާއި، ޤުދުރަތީ ކާރިސާތަކާއި އިންސާނީ އެހީއަށް ބޭނުންޖެހޭ ޙާލަތްތަކުގައި، ގުޅިގެން އޮޕަރޭޝަންތައް ހިންގުން ފަދަ ކަންކަން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން