ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުޙައްމަދު ޝަމްއާން ވަހީދު
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުޙައްމަދު ޝަމްއާން ވަހީދު
އިމިގްރޭޝަން ކޮންޓްރޯލަރުކަމުން ވަކިކޮށްފައިވާ މުހައްމަދު ޝަމްއާން ވަހީދު ބަންދުކުރި މައްސަލައިގައި އޭނާ ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވާ އިސްތިއުނާފުގެ މައްސަލައިގެ އަޑުއެހުންތައް މިއަދު ފަށައި، ހުކުމާ ހަމައަށް ނިންމައިފިއެވެ.

ގަވާއިދާއި ހިލާފަށް އުޅުނު ބިދޭސީންތަކެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގައި އެ ފައިސާ ޝަމްއާންގެ ގެއަށް ގެންގޮސް، އެ ބިދޭސީން ޝަމްއާނުގެ އަމުރަށް އިމިގްރޭޝަންގެ ބަންދުން ދޫކުރި މައްސަލާގައި ކޮރަޕްޝަންގެ ތުހުމަތުކޮށް ޝަމްއާން ހައްޔަރުކުރުމުން 15 ދުވަހަށް ބަންދުކުރަން މުއްދަތު ޖެހީ މި އަހަރުގެ މާޗް މަހުގެ 22 ގައެވެ.

އެ މުއްދަތު ހަމަވުމުން ދެން ކޯޓުން އަމުރުކުރީ ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކުރުމަށެވެ.

ޝަރީއަތް ނިމެންދެން ބަންދުކުރަން ނިންމުމުން ޝަމްއާންގެ ފަރާތުން އެކަންވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. ނަމަވެސް ހައިކޯޓުންވެސް ވަނީ ދަށު ކޯޓުގެ އަމުރަށް ތާއީދު ކޮށްފައެވެ. ދެން ޝަމްއާން މި މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓަށެވެ.

ސުޕްރީމް ކޯޓުން އެންމެ ފުރަތަމަ ނިންމީ އެ މައްސަލަ ބަލައިނުގަތުމަށެވެ. ނަމަވެސް ދެވަނަ ފަހަރަށް މައްސަލަ ހުށަހެޅުމުން ފަހުން އެ ކޯޓުންވަނީ މައްސަލަ ބަލައިގަނެފައެވެ.

އަދި އިސްތިއުނާފުގެ މި މައްސަލަ މިއަދު ވަނީ އެޖެންޑާކޮށް ފުރަތަމަ އަޑުއެހުން ކުރިއަށް ގެންގޮސްފައެވެ. މި އަޑުއެހުމުގައި ޝަމްއާނުގެ ފަރާތުން ފާހަގަކުރި ބަންދުން ދޫކޮށްލަންޖެހޭ ސަބަބުތަކަށް ދައުލަތުގެ ފަރާތުން މައިގަނޑު ރައްދެއްގެ ގޮތުގައި ބުނެފައިވަނީ، ޝަމްއާނަކީ އެތައް އަހަރެއްވަންދެން އިމިގްރޭޝަންގައި މަސައްކަތް ކޮށްފައިވާ މީހެއްކަމުން އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލައަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ބޮޑުކަމަށެވެ.

އަދި ބަންދުން ދޫކުރުމަށް ޝަމްއާންގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަކީ އިސްތިއުނާފު ކުރެވޭނެ ނުކުތާތަކެއްގެ ގޮތުގައި ބަލައިނުގަނެވޭނެކަމަށް ކަނޑައަޅައިދިނުމަށް ދައުލަތުގެ ފަރާތުން ވަނީ އެދިފައެވެ.

މިއަދުގެ އަޑުއެހުމުގައި މައްސަލަ ބެއްލެވި ފަނޑިޔާރުން ވިދާޅުވީ މައްސަލަ ދިރާސާކުރާއިރު ސާފުކުރަންޖެހޭ ކަމެއް ފާހަގަ ނުވާނަމަ ދެން އޮންނާނީ މި މައްސަލާގައި ހުކުމް ކުރުން ކަމަށެވެ. ނަމަވެސް ހުކުމް ކުރުން ބާއްވާނެ ދުވަހެއް ކޯޓުން މިއަދު ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން