އެމްޕަވަމެންޓް ހަބް ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުން، ފޮޓޯ: މިނިސްޓްރީ
އެމްޕަވަމެންޓް ހަބް ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުން، ފޮޓޯ: މިނިސްޓްރީ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން އެމްޕަވަމެންޓް ހަބެއް ގާއިމް ކުރުމަށް ސޯޝަލް ޑިވެލޮޕްމެންޓް މިނިސްޓްރީން ނިންމައިފިއެވެ.

މި އެމްޕަވަމެންޓު ހަބު ގާއިމް ކުރަނީ ރާއްޖޭގެ ޒަކާތު ހައުސްގެ އެހީއާއެކުއެވެ. މިކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެކަމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެގޮތުން އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނަރަލް އޮފް ޒަކާތު އައްޝައިޚް ޢިއްޒައްދީން އަދްނާންއެވެ. އަދި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ މިނިސްޓަރ އޮފް ސްޓޭޓް އިބްރާހިމް އިސްމާއިލް ޢަލީ އެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން އެމްޕަވަރމަންޓް ހަބެއް ގާއިމްކުރުމަށްޓަކައި ޒަކާތު ހައުސްގެ އެހީތެރިކަމަށް މިނިސްޓްރީގެ ފަރާތުން އެދުމުން އެކަމަށް އެހީތެރިވެ ހަބް ގާއިމްކުރުމަށް ނިންމީ 19 މާރިޗު 2025 ގައި ބޭއްވި ޒަކާތު ކައުންސިލްގެ 16 ވަނަ ބައްދަލުވުމުގައެވެ.

މިނިސްޓްރީން ބުނި ގޮތުގައި އެމްޕަވަރަމަންޓް ހަބް ގާއިމްކުރަން ނިންމީ ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާބާދީ މިހާރު އިތުރުވަމުންދާތީއާއި، ރަސްމީ ތަޢުލީމު ނިންމުމަށްފަހު މުޖުތަމަޢުއަށް ނިކުންނަ ނުކުޅެދުންތެރި ކުދީންނާއި ތަފާތު ހުނަރުތައް ލިބިފައިވާ ނުކުޅެދުންތެރި މީހުން މުޖުތަމަޢުގައި އިތުރުވަމުންދާތީއެވެ.

މި ހަބްގެ ބޭނުމަކީ އެފަދަ މީހުންނާއި ކުދީންގެ ހުނަރު ތަރައްޤީކޮށް، އިސްލާމީ ތަރުބިއްޔަތު ދިނުމާާއި، އިތުރަށް ބާރުވެރިކުރުމަށާއި އެފަދަ ފަރާތްތަކަށް ބޭނުންވާ ދީނީ ޕްރޮގްރާމްތަކާއި ޙަރަކާތްތައް ކުރިއަށް ގެންގޮސް، އެ ފަރާތްތަކަށް މާލީ ތަނަވަސްކަން އިތުރުކުރުމުގެ ފުރުސަތު ހޯދައި ދިނުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި އެއްބަސްވުމަކީ 25 އަހަރުގެ މުއްދަތަކަށް އެކުލަވާލާފައިވާ އެއްބަސްވުމެކެވެ.

"އެމްޕަވަރމަންޓް ހަބް" ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ފަހިދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑުން ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ އަމާންއުދަރެސް ޓަވަރު 7 (ހުޅުމާލެ ފޭސް 2) ގެ އެއްވަނަ ފަންގިފިލާގައި ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ހަބު މެދުވެރިކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެތަކެއް ފައިދާތަކެއް ކުރާނެކަމަށް ދެ މުއައްސަސާއިންވެސް އުންމީދުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން