މަރްޔަމް ނަހްދާ ވަޙީދު   31 ޖުލައި 2025 - 9:13
ޣައްޒާގެ ރައްޔިތުންނަށް ކާއެއްޗެހި ހޯދަން މަސައްކަތް ކުރަނީ-
ޣައްޒާގެ ރައްޔިތުންނަށް ކާއެއްޗެހި ހޯދަން މަސައްކަތް ކުރަނީ-
ޣައްޒާ ގައި އިންސާނީ އެހީ ހޯދަން މަސައްކަތް ކުރި ބަޔަކަށް ހަމަލާދީ އިސްރާއީލުން މަދުވެގެން 71 މީހުން ޝަހީދުކޮށްލައިފިއެވެ.

އަދި ހައިހޫނުކަމާއި ނުރަނގަޅު އެއްޗެހި ކެއުމުގެ ސަބަބުން އިތުރު 7 މީހުން މަރުވެފައިވާކަމަށް ޣައްޒާގެ ހޮސްޕިޓަލްތަކާ ހަވާލާދީ މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުނާ ގޮތުގައި، ބުދަ ދުވަހު އުތުރު ޣައްޒާ އަށް އެހީގެ ޓްރަކުތައް ވަންނަ ޒިކިމް ކްރޮސިންގ ޕޮއިންޓަށް ދަނިކޮށް އިސްރާއީލުގެ ބާރުތަކުން ދިން ހަމަލާއެއްގައި މަދުވެގެން 51 މީހުން މަރުވެ، 648 އަށްވުރެ ގިނަ މީހުންނަށް ޒަޚަމްވެފައިވެއެވެ. އަދި ދެކުނު ޣައްޒާގެ ޚާން ޔޫނިސް ގައި އޮންނަ މޮރާގް ކޮރިޑޯ ކައިރީގައި އެހީ ހޯދަން އުޅުނު އިތުރު 20 މީހުން މަރުވެފައިވާކަމަށް ނާސިރު މެޑިކަލް ކޮމްޕްލެކްސްއިން ރިޕޯޓުކޮށްފައިވެއެވެ.

‎މޭ މަހުގެ ފަހުކޮޅު ހަރަކާތްތެރިވާން ފެށި އެމެރިކާ އަދި އިސްރާއީލުގެ އެހީތެރިކަން ލިބިގެން ހިންގާ ޖީއެޗްއެފްގެ އެހީ ބެހުމުގެ މަރުކަޒުތައް ކައިރީގައި އެހީ ހޯދަން އުޅުނު 1،000 އަށްވުރެ ގިނަ ފަލަސްތީނު މީހުން މިހާތަނަށް އިސްރާއީލު ބާރުތަކުން ޝަހީދު ކޮށްލާފައިވެއެވެ.

‎ޖީއެޗްއެފް އިން އެކަށީގެންވާ މިންވަރަށް އެހީ ފޯރުކޮށްނުދޭ މައްސަލަގައާއި އެތަނުގެ އެހީ ބަހާ ސައިޓުތަކުގަ އާއި އެ ސަރަޙައްދުގެ ސަލާމަތީ ހާލަތު ދަށްވެފައިވާތީ، އދ އާއި އެހެނިހެން އިންސާނީ ޖަމްޢިއްޔާތަކުން ވަނީ ހަރުއަޑުން ފާޑުކިޔާފައެވެ.

‎އިސްރާއީލުގެ ހަމަލާތަކުގައި އިތުރު ފުރާނަތަކެއް ގެއްލިފައި މިވަނީ، ޚާއްޞަކޮށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ މެދުގައި ހައިހޫނުކަން އިތުރުވަމުންދާކަމަށް އެހީދޭ އޭޖެންސީތަކާއި ޞިއްޙީ އޮފިޝަލުން އިންޒާރުދެމުންދާ ދަނޑިވަޅެއްގައެވެ.

‎ޣައްޒާގެ ޞިއްޙަތާ ބެހޭ މިނިސްޓްރީން ބުނާ ގޮތުގައި މި ފާއިތުވި ދެތިން ހަފްތާ ތެރޭގައި 89 ކުޑަކުދިން ހިމެނޭ ގޮތަށް، 154 މީހުން ރަނގަޅުނޫން ތަކެތި ކެއުމުގެ ސަބަބުންވެސް މަރުވެފައިވާކަމަށެވެ. ދުނިޔޭގެ ހައިހޫނުކަން މޮނިޓަރކުރާ ފަރާތަކުން އަންގާރަ ދުވަހު ބުނެފައިވަނީ ޣައްޒާ ގައި ހައިހޫނުކަމުގެ ހާލަތު ގޯސް ވަމުން އަންނަ ކަމަށެވެ.

‎ޣައްޒާ އަށް އެހީ ބޭނުންވާ މިންވަރު އިތުރުވަމުން ދިޔަ ނަމަވެސް، ޣައްޒާ އަށް ވަންނަ އެހީގެ މިންވަރު ބޭނުންވާ މިންވަރަށްވުރެ މާ ދަށުގައި އޮތްކަމަށް ރިޕޯޓްތައް ބުނެއެވެ. ފަލަސްތީނު ރެފިއުޖީންނަށް ޚިދުމަތްދޭ އދ.ގެ އޭޖެންސީ އަންރުވާގެ ތަރުޖަމާނު އަދްނާން އަބޫ ހަސްނާ އަލްޖަޒީރާ އަރަބިކް އަށް ބުނި ގޮތުގައި ޣައްޒާ އަށް ވައްދަން ހުއްދަދޭ އެހީގެ ކުޑަ މިންވަރު ވެސް "އާބާދީގެ ބޮޑު ބަޔަކަށް ނުލިބޭ" ކަމަށެވެ. އދ. އިން ބުނާ ގޮތުގައި އަސާސީ އިންސާނީ ބޭނުންތައް ފުއްދުމަށް ޣައްޒާ އަށް ދުވާލަކު މަދުވެގެން 500 އާ 600 އާ ދެމެދުގެ އަދަދެއްގެ އެހީގެ ޓްރަކު ބޭނުންވެއެވެ. ނަމަވެސް، ވޭތުވެދިޔަ ހަތަރު ދުވަހުގެ ތެރޭގައި އެ ސަރަޙައްދަށް ވަދެފައިވަނީ އެންމެ 269 ޓްރަކެވެ.



ކިޔުންތެރިންގެ ހިޔާލު