އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
ސަރުކާރުގެ ހިންގުމުގެ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަރަށް ބުރަ މަސައްކަތްތަކެއް ކުރަށްވަމުން ގެންދަވާ ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ މުޤައްރިރު މެމްބަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވީ، ސަރުކާރުގެ ހުރިހާ ފަންތިއެއްގައި ހެޔޮ ވެރިކަމުގެ ސިފަތައް އަށަގެންނެވުމަށާއި، ވެރިކަން ހިންގުމުގެ ނިޒާމް އިތުރަށް ހަރުދަނާ ކުރެއްވުމަށް ރައީސް އިބްރާހީމް ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެހެންނަމަވެސް ރާއްޖޭގެ ސިޔާސީ މަސްރަޙު އެތުރިފައިވާ ގޮތާއި، ސަރުކާރުގެ އޮނިގަނޑު އެކުލެވިފައިވާ ގޮތުގެ ސަބަބުން އަދިވެސް ރަނގަޅުކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ޝަރީފް ފާހަގަކުރަށްވާފައި ވެއެވެ.

ސަރުކާރުގެ އިދާރާތައް ވަރުގަދަ ކުރުމަކީ ކުރިމަގު ބިނާކުރުމަށް އެޅޭ ރަނގަޅު ފިޔަވަޅެއްކަމަށާއި، ރައީސް ޞާލިޙްގެ އަމާޒަކީ ބޮއްސުންލާފައިވާ ސަރުކާރުގެ ހިންގުމުގެ ނިޒާމް ތަރުތީބުކޮށް އަލުން ހަރުދަނާ އިދާރާތަކެއް އުފެއްދުންކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން އެކަމަށް ބޭނުންވާ ޕްލޭންތައް ތައްޔާރު ކުރުމާއި، އިޤްތިޞާދީ އަދި މާލީ ފޮލިސީތައް އެކުލަވާލުވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ، ދަޢުލަތުގެ ހިންގުމުގެ ނިޒާމް އަލުން ތަރުތީބުކޮށް އެކަށައެޅުމަށް މިއަދު ކުރާ ހޭދައަކީ ކުރިމަގުގައި ޤައުމު ބިނާކޮށް، ދިވެހިންނަށް ފަހި ދިރިއުޅުމެއް ހޯދައިދިނުމަށް ކޮށްދެވޭ މަސައްކަތެއް ކަމަށެވެ. އަދި ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި ހަރުދަނާ އިދާރާތަކެއް މުހިއްމު ދައުރެއް އަދާކުރާކަމަށާއި، މިކަމުގެ އަމާޒަކީ ދިމާވާ ކުއްލި ޙާލަތްތަކުގައި ކުޑަ ޚަރަދަކުން އެ ކާރިސާތަކުން އަރައިގަތުން ކަމަށް ޝަރީފް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން