ސިފައިންގެ އޮޕަރޭޝަންގެ ތެރެއިން
ސިފައިންގެ އޮޕަރޭޝަންގެ ތެރެއިން
ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ބެލުމަށް އެމްއެންޑީއެފްގެ ޚާއްޞަ އޮޕަރޭޝަނެއް ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ، މި ދުވަސްވަރަކީ ކަނޑުމަތީގެ ހާދިސާތައް ގިނަވެ، ރައްކާތެރިކަމަށް އިތުރަށް ސަމާލުކަން ދޭންޖެހޭ ދުވަސްވަރެއް ކަމަށެވެ. އެގޮތުން ލައިސަންސް ނެތި އުޅަނދުފަހަރު ދުއްވުމާއި ސަލާމަތީ ގަވާއިދުތަކާ ޚިލާފުވުންފަދަ ކަންކަމުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ގިނަވަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެހެންކަމުން އެމްއެންޑީއެފުން ވަނީ ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކްކުރުމުގެ ޚާއްޞަ އޮޕަރޭޝަނެއް ފަށައިފައެވެ.

އެމްއެންޑީއެފުން ބުނީ، މި އޮޕަރޭޝަނުގެ މައިގަނޑު މަގްސަދަކީ، ދަތުރުކުރާ ފަރާތްތަކުގެ ފުރާނައާއި މުދަލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށެވެ. އެގޮތުން ޗެކްކުރެވޭ ކަންތައްތަކުގެ ތެރޭގައި، އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރެވިފައިވޭތޯ ބެލުމާއި، މެރިން ވީއެޗްއެފް ހުރިތޯއާއި، ކެޕްޓަން އަތުގައި ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތްތޯ ކަށަވަރުކުރާނެ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އޭގެއިތުރުން ދަތުރުވެރިންގެ ސަލާމަތަށް ބޭނުންވާ ލައިފް ޖެކެޓް، ފަސްޓް އެއިޑް ކިޓް ފަދަ އާލާތްތައް ފުރިހަމައަށް ހުރިތޯ ބެލުމާއި، އުޅަނދު ދަތުރުކުރެވޭ ފަދަ ރައްކާތެރި ޙާލަތެއްގައި ހުރިތޯ ބެލުމަށް ހަމަޖެހިފައިވެއެވެ.

"މި އޮޕަރޭޝަން ކުރިއަށްގެންދަނީ އެމްއެންޑީއެފްގެ ހުރިހާ އޭރިއާ ކޮމާންޑްތައް ވެސް ބައިވެރިވެގެންނެވެ. ރަށްރަށުގެ ބަނދަރުތަކުން ފުރާ އުޅަނދުތަކާއި ބަނދަރުތަކަށް ވަންނަ އުޅަނދުފަހަރު ވެސް ޗެކްކުރުމަށް ވަނީ ހަމަޖެހިފައެވެ. ކަނޑުމަތީގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އުޅަނދުފަހަރު އޮޕަރޭޓްކުރަމުންދޭތޯ ބަލައި، ޚިލާފުވާ ފަރާތްތަކަށް އިސްލާހީ ފިޔަވަޅުތައް އަޅާނެއެވެ." އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެމްއެންޑީއެފުން ވަނީ މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު