މާމިގިލީ ބްރާންޗްގެ ބިންގާ އެޅުން
މާމިގިލީ ބްރާންޗްގެ ބިންގާ އެޅުން
ބޭންކް އޮފް މޯލްޑިވްސް އިން އދ. މާމިގިލީގައި ދެމުންދާ ބޭންކިންގ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން މިއަދު އާ ބްރާންޗެއްގެ ބިންގާ އަޅަފިއެވެ.

އދ. މާމިގިލީގައި ބޭންކުގެ އާ ބްރާންޗެއްގެ ބިންގާ އަޅާފައިވާއިރު، މިހާރުވެސް ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ އދ. މަހިބަދޫގައި ގާއިމުކޮށްފައިވާ ބްރާންޗް މެދުވެރިކޮށް ޚިދުމަތް ދެމުންނެވެ.

ބީއެމްއެލް އިން ބުނީ، މާމިގިލީގައި އަލަށް ޢިމާރާތްކުރާ ބްރާންޗްގެ ބިންގާ އެޅުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރުންނާއި، އެ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމާއި، ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ.

"މާމިގިލީގައި އައު ބްރާންޗްގެ ބިންގާ އަޅައި، މުޅި އަތޮޅުގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރުމަށް އަޅުގަނޑުމެން މި ކުރަމުންދާ މަސައްކަތާއެކު، އަޅުގަނޑުމެން މި ދަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ފާހަގަކޮށްލެވޭ މި ސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް ބޭންކުގެ ޚިދުމަތްތައް އިތުރަށް ފަސޭހަކޮށްދެމުން." ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލްއިން ބުނީ، މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު ރާއްޖޭގެ 20 އަތޮޅުގައި އެބޭންކުގެ 42 ބްރާންޗާއި، 190 ސެލްފްސަރވިސް ބޭންކިންގ ސެންޓަރާއި، 248 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތްތައް މިހާރު ޤާއިމް ކޮށްފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު