ސިނގިރޭޓު ކޮންޓޭނަރުތައް ވަގަށްނެގި މައްސަލާގައި ހައްޔަރުކުރި މީހުން
ސިނގިރޭޓު ކޮންޓޭނަރުތައް ވަގަށްނެގި މައްސަލާގައި ހައްޔަރުކުރި މީހުން
ކަސްޓަމްސްއިން ހިފަހައްޓައި އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރު ސިނގިރޭޓު ވަގަށް ނެގި މައްސަލައާ ގުޅިގެން ރޭ ހައްޔަރުކުރި، ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)އާއި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި)އަށް ކްރިމިނަލް ކޯޓުން މިއަދު ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ފުލުހުން މިއަދު ބުނީ، ދެ ކޮންޓޭނަރުގައި ހުރި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ހުއްޓައި ގެއްލުނު މައްސަލައިގައި ރޭ ހައްޔަރުކުރި ހަތަރު މީހުން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 61 އަހަރުގެ އާރިފްގެ ބަންދަށް 15 ދުވަސް ޖެހިއިރު، 65 އަހަރުގެ ވަހީދުގެ ބަންދަށް 10 ދުވަސް ޖަހައިފައިވާ ކަމަށެވެ.

އަދި އުމުރުން 40 އަހަރުގެ ޒިވާރު ވެސް 15 ދުވަހަށް ބަންދުކުރިއިރު، 48 އަހަރުގެ މުއާޒް ބަންދުކުރަން އަމުރުކުރީ ފަސް ދުވަހަށެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން 12 މީހަކު ފުރުން މަނާކުރި ނަމަވެސް އެ މީހުންގެ ތަފުސީލެއް ހާމައެއް ނުކުރެއެވެ.

މި މައްސަލައާއި ގުޅިގެން އެމްޕީއެލުން ވަނީ 6 މުވައްޒަފުން ސަސްޕެންޑް ކޮށްފައެވެ. އަދި ކަސްޓަމްސްގެ މުވައްޒަފަކު ޝާމިލުވާކަން ތަހުގީގަށް ހާމަވެއްޖެ ނަމަ، އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އަޅާނެ ކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ.

މިދިޔަ އޭޕްރިލް މަހުގެ 26ގައި ކަސްޓަމްސްއިން ހިފަހައްޓައި ހުޅުމާލޭ އިންޓަނޭޝަނަލް ޓާމިނަލުގައި ބަހައްޓާފައި ހުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ޕޯޓުން އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި ރާއްޖެއަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް ހިފަހައްޓައި އެމްޕީއެލްގެ ހުޅުމާލޭގެ ބަނދަރުގައި އެމްޕީއެލްގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގައި ސިނގިރޭޓް ނެތްކަން ފާހަގަވީ މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭގައެވެ. އެ މައްސަލަ ކަސްޓަމްސް އާއި ފުލުހުން ގުޅިގެން އަންނަނީ ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު