ބަންޑުން ޖަހާލި ކޮޅުވެއްޓި-
ބަންޑުން ޖަހާލި ކޮޅުވެއްޓި-
ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި، ގެއްލުނު ތިންމީހުންގެ ހަށިގަނޑުވެސް ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.

މާލެއިން ފުރައިގެން ކ. އެރިޔަދޫއަށް ދަތުރުކުރި "އަލްމާކް-ފިޔަ" ނަމަކަށް ކިޔާ 100 ފޫޓުގެ ލޭންޑިންގ ކްރާފްޓެއް ބަންޑުންޖަހާލައިގެން، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފެށީ މިމަހުގެ 16 ވަނަ ދުވަހުގެ ފަތިހުއެވެ.

ހަތް މީހަކު ތިބި އެ އުޅަނދުން ދަތުރުކުރި 4 މީހަކު ސަލާމަތް ކުރެވިފައިވާ ކަމަށާއި، ތިން މީހަކު ގެއްލިގެން ހޯދަމުންދާ ކަމަށް އެމްއެންޑީއެފުން އެރޭ ބުނެފައިވެއެވެ.

ބަންޑުންޖަހާލި ކޮޅުވެއްޓި އަޑިއަށް ގޮސްފައިވާއިރު ގެއްލުނު ތިން މީހުންގެ ތެރެއިން 2 މީހެއްގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން މީގެ ކުރިން ވަނީ ކަނޑުގެ އަޑިން ނަގާފައެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ބަންޑުން ޖަހާލި "އަލްމާކް-ފިޔަ" ލޭންޑިންގ ކްރާފްޓުން ގެއްލުނު ލަންކާ މީހާގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑުން ހޯދާފައިވާ ކަމަށެވެ. އެމީހާގެ ހަށިގަނޑު ފެނިފައިވަނީ މާލެ އަތޮޅު އާއިލާފުށްޓާއި ވިލާ ނޮޓިކާއާ ދެ ރަށް ދޭތެރެއިން އޮޔާދަނިކޮށް ރޭގެ ވަގުތެއްގައެވެ.

މި ޙާދިސާގައި ގއ. ދާންދޫ ސަރުސޫނުގެ / އަހުމަދު ޝިފާން (38އ.) ނިޔާވެފައިވާއިރު، ދެން މަރުވެފައިވަނީ އިންޑިއާ މީހަކާއި ލަންކާ މީހެކެވެ.



ކިޔުންތެރިންގެ ހިޔާލު