މިސަރުކާރުގެ މާލީ ހާލަތު ބޮއްސުންލައިގެން ދިއުމާއެކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ފައިސާ ޗާޕުކުރަން ސަރުކާރުން މަޖުބޫރު ކުރުވަމުންދާކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ތުހުމަތު ކުރައްވައިފިއެވެ.

ފައްޔާޒު މިހެން ވިދާޅުވެފައިވަނީ އެމްއެމްއޭ އިން ސަރުކާރުން ނެރޭ ޓްރެޜަރީ ބޮންޑް ގަތުމަށް މަގުފަހިކުރުމަށްޓަކައި ޕެންޝަން ފަންޑަށް 2.5 ބިލިއަން ރުފިޔާ އިންޖެކްޓްކުރަން ނިންމާފައިވާ ކަމަށް ބުނެ ބައެއް މީޑިޔާ ތަކުން ރިޕޯޓް ކޮށްފައިވަނިކޮށެވެ.

ފައްޔާޒު ވިދާޅުވީ މިއީ ސަރުކާރަށް ފައިސާ މެނޭޖް ކުރަން ނޭނގުމުގެ ނަތީޖާ ކަމަށެވެ. އަދި މިއީ ސަރުކާރުން ހިންގާ އޮޕެކް ނުވަތަ ޓްރާންސްޕޭރެންސީ ކަން ނެތް މާލީ މުއާމަލާތްތަކުގައި ދައުލަތުގެ ބޭންކުތަކާއި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑާއި ދައުލަތުގެ ވިޔަފާރިތައް ބޭނުން ކުރުމުގެ ސަބަބުން ބެލެންސް ޝީޓް ތައް ދިމާނުވުމުގެ ނަތީޖާވެސް ކަމަށް ކަމަށް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު އިތުރަށް ވިދާޅުވި އެވެ.

ފައްޔާޒު ވަނީ މިހާލަތުގައިވެސް ކަންކުރަންވީ އެންމެ ރަނގަޅުގޮތް ބެލުމެއްނެތި، އެމްއެމްއޭ އަށް ސަރުކާރުން ޕްރެޝަރުކުރުންމިއީ "ކުއަންޓިޓޭޓިވް އީޒިން" ފަދަ ވަގުތީ ހައްލެއް ހޯދައި ފައިސާ ޗާޕުކޮށް، ޒިންމާއިން ރެކެން މަސައްކަތްކުރުން ކަމަށް ސަރުކާރަށް ތުހުމަތުކުރައްވާފައިވެއެވެ. އެގޮތުން މިހާރު މިފެންނަނީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ބޭނުންކޮށްގެން މިފަދަ ނޭދެވޭ އިންވެސްޓްމަންޓް ކުރުމަށް މަގުފަހި ކުރަމުންދާކަމުގެ އަމަލުތަކެއް ކަމަށް ފައްޔާޒު ވަނީ ފާހަގަކޮށްފައެވެ.

އަދި މިފަދަ ފިޔަވަޅުތަކާއެކު މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ ނަޒާހަތްތެރިކަން ގެއްލި، އެތައް ހާސް ދިވެހި ރައްޔިތުންނެއްގެ ރިޓަޔަރމަންޓް ސެކިއުރިޓީއަށް ނުރައްކާވެ، ދޮށީ އުމުރަށް އަޅާ ދިވެހިންގެ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް ފަރުމާކޮށްފައިވާ މި ޕެންޝަން ނިޒާމަށް އާންމުންގެ އިތުބާރު ގެއްލިދާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ދަށްވެ، އިންފްލޭޝަން މަތިވެ، ރައްޔިތުންގެ މާލީ ހާލަތު ދަށަށް ގޮސްދާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވަނީ ފައިސާ ޗާޕުކުރުމަށް ނިންމާ ކޮންމެ ނިންމުމެއް މަޖިލީހަށް ހުށަހެޅުމަށާއި އެފަދަ ނިންމުން ތަކުގެ ސަބަބުން އިގްތިސާދަށް ކުރާނެ އަސަރުތައް ހާމަކަންބޮޑުކޮށް ތަފްސީލުކޮށްދިނުމަށް ސަރުކާރަށް އިލްތިމާސް ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް