ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް (މ)
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް (މ)
މި އަހަރުގެ ތިންވަނަ ކުއާޓަރގައި ބޭންކް އޮފް މޯލްޑިވްސްގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކޮށް، އިތުރު ކުރިއެރުންތަކާއެކު ހަރުދަނާ މާލީ ނަތީޖާއެއް ހޯދައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން މިއަދު ބުނީ، މި އަހަރުގެ ތިންވަނަ ކުއާޓަރގައި ބޭންކުގެ ހިންގުމުގެ ފައިދާގެ ގޮތުގައި 791 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 10 އިންސައްތައިގެ ކުރިއެރުމެކެވެ.

"ވޭތުވެދިޔަ ކުއާޓަރގައި ސާފު ފައިދާގެ ގޮތުގައި 475 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ ބޭންކުގެ ހިންގުމުގެ ހަރުދަނާކަމާއި ކުރިއެރުން ދައްކުވައިދޭ ކަމެކެވެ." ބޭންކުން ބުނެފައިވެއެވެ.

ބޭންކުން ބުނީ، އެބޭންކުން ދޫކޮށްފައިވާ ޖުމްލަ ލޯނު އިތުރުވަމުންދާއިރު، މި އަހަރުގެ މިހާތަނަށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 6.5 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. އަދި ތިންވަނަ ކުއާޓަރގެ ނިޔަލަށް ބޭންކުގެ ޖުމްލަ އެސެޓް 51.1 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކަސްޓަމަރުންގެ ޑިޕޮސިޓް 33.7 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. އެހެންކަމުން ބޭންކުގެ ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯ ގާނޫނު ލާޒިމުކުރާ މިންގަނޑަށްވުރެ މަތީގައި ދެމެހެއްޓިފައިވާކަން ބޭންކުން ވަނީ ފާހަގަ ކޮށްފައެވެ.

"އަޅުގަނޑުމެން ފަޚުރުވެރިވަނީ ހަމައެކަނި މި ހަރުދަނާ ނަތީޖާއަކަށް ނޫން. މީގެ އިތުރުން އެކި މުޖުތަމައުތަކާއި ރާއްޖޭގެ ވިޔަފާރިތަކާއި އިގްތިސާދީ ކުރިއެރުންތަކަށް އެހީތެރިކަން ފޯރުކޮށްދީ، ރާއްޖޭގެ މުސްތަގުބަލު ބިނާކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތާމެދު ވެސް އަޅުގަނޑުމެން ފަޚުރުވެރިވޭ." ބޭންކުގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

ބޭންކުން ބުނީ ވޭތުވެދިޔަ ކުއާޓަރގައި ބޭންކުން މުޅި ރާއްޖެއަށް ޚިދުމަތްތައް ފުޅާކޮށް، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށްވެސް މާލީ ޚިދުމަތްތަކަށް ވާސިލުވެވޭނެ ވަސީލަތްތައް ގާއިމުކޮށްފައިވާ ކަމަށެވެ. އެގޮތުން 'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއުގެ ދަށުން، މި އަހަރުގެ ފެބްރުވަރީ މަހުން ފެށިގެން އެންމެ 9 މަސްދުވަހުގެ ތެރޭގައި 105 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށް، އޮކްޓޫބަރު މަހުގައި މި މަޝްރޫއު ކާމިޔާބު ކަމާއެކު ނިންމާލާފައިވާ ކަމަށް ބޭންކުން ވަނީ ބުނެފައެވެ.

"ވޭތުވެ ދިޔަ ކުއާޓަރގައި ބޭންކުން ވަނީ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގަނެފައެވެ. މި ސްޓްރެޓިޖިކް ނިންމުމާއެކު، އެސްޑީއެފްސީއަކީ ޝަރީއާ ކޮމްޕްލައިންޓް ޚިދުމަތެއް ފޯރުކޮށްދޭ، އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށްވެސް ޚިދުމަތް ފޯރުކޮށްދޭ ޑިޖިޓަލް ފަސްޓް ސަބްސިޑައިރީއަކަށް ބަދަލުކުރެވިގެންދާނެއެވެ." ބޭންްކުން މަޢުލޫމާތުދެއެވެ.

އޭގެއިތުރުން ބޭންކުން ބުނީ، ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ބޭންކުގެ ޚިދުމަތް ގާއިމުކުރުމާއެކު، ރާއްޖޭގެ އެންމެ އިސް މާލީ އިދާރާގެ ގޮތުގައި ބީއެމްއެލްގ ނަން އިތުރަށް ހަރުދަނާ ވެގެން ގޮސްފައިވާ ކަމަށާއި، އަބަދުވެސް މަސައްކަތް ކުރަނީ އަމިއްލަ ފަރުދުންނަށާއި ވިޔަފާރިތަކާއި އެކި މުޖުތަމައުތަކަށް އެންމެ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު