ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު (ކ) އާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް
ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު (ކ) އާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް
މިއަދަކީ ބޮޑުތިލަދުންމަތި ބޮޑުކޮށް ދިއްލުމުގެ ފެށުން ފާހަގަކުރާ ދުވަސް ކަމަށް ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ކޮޗިން އާއި ކުޅުދުއްފުށީ ސިޓީއާ ދެމެދު ފެށި ކާގޯ ފެރީގެ ޚިދުމަތުގެ، ފުރަތަމަ ފެރީ ކުޅުދުއްފުއްޓަށް ބަނދަރުކުރުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވީ މިއަދަކީ ބޮޑުތިލަދުންމަތި ބޮޑުކޮށް ދިއްލުމުގެ ފެށުން ފާހަގަކުރާ ދުވަސް ކަމަށާއި، ރައީސް ޞާލިޙަކީ ވަޢުދުވެ އެވަޢުދުތައް ފުއްދަވާ ބޭފުޅެއް ކަމަށެވެ.

ރާއްޖޭގެ އުތުރުގެ އަތޮޅުތައް ތަރައްގީ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ގެންގުޅުއްވަނީ ވަރަށް އުފާވެރި ވިސްނުންފުޅުތަކެއް ކަން ފާހަގަކުރަށްވައި މިނިސްޓަރ ޝާހިދު ވިދާޅުވީ، ފެރީގެ މަޝްރޫއުއަކީ އެފަދަ އެއް މަޝްރޫއެއް ކަމަށެވެ. އަދި މިއީ ކުޅުދުއްފުށި އަލުން އާރާސްތުކޮށް ކުޅުދުއްފުށީ ބޮޑު މުހައްމަދު ކަލޭފާނުގެ ޒިކުރާ އާކޮށް އެ މައްޗަށް އާ ބިނާތައް އާރާސްތުކުރަން ފަށާ ދުވަސް ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

"މިއަދަކީ ދިވެހިރާއްޖެއަށް އާ ދިރުމެއް ލިބިގެންދާ ދުވަހެއް، މިއަދަކީ ބޮޑުތިލަދުންމަތި ބޮޑުކޮށް ދިއްލުމުގެ ފެށުން ފާހަގަކުރާ ދުވަސް، މިއަދަކީ ކުޅުދުއްފުށި އަލުން އާރާސްތުކޮށް ކުޅުދުއްފުށީ ބޮޑު މުހައްމަދު ކަލޭފާނުގެ ޒިކުރާ އާކޮށް އެ މައްޗަށް އާ ބިނާތައް އާރާސްތުކުރަން ފަށާ ދުވަސް، މިއަދަކީ ރައީސް ޞާލިހަކީ ވައުދުވެ އެ ވައުދުތައް ފުއްދަވާ ބޭފުޅެއްކަން އަނެއްކާވެސް ތާރީހުގައި ލިޔެވިގެން ދިޔަ ދުވަހެއް،" މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

ހުޅުވާލެވޭ ކޮންމެ ފާލަމަކީ އޭގެން އެތައް ފައިދާތަކެއް ކުރުވާނެ ކަމެއް ކަން ފާހަގަކުރަށްވައި މިނިސްޓަރ ޝާހިދު ވިދާޅުވީ، މިއަދު ފެށިގެން ދިޔަ ފެރީގެ ހިދުމަތަކީ ފަހުރުވެރިވާން ޖެހޭ ފަދަ ކަމެއް ކަމަށާއި، މި ފެރީގެ ފައިދާ އާއި ނަތީޖާ އެތައް ގޮތަކުން ފެނިގެންދާނެ ކަމަށެވެ. އެގޮތުން ހަނިމާދޫ އެއާޕޯޓް، ހަގީގީ ބައިނަލްއަގްވާމީ އެއާޕޯޓަކަށް ބަދަލުވެގެންދާނެކަމަށާއި، އެ މަޝްރޫޢު އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ފަށާނެ ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ހަނިމާދޫ އެއާޕޯޓްގެ ޒަރީޢާއިން މުޅި ބޮޑު ތިލަދުންމަތި ފަތުރުވެރިކަމުން ފުރިގެންދާނެ ކަމަށާއި، އެކަން މި ސަރުކާރުން ހާސިލް ކުރާނެ ކަމަށެވެ. ރައީސް ޞާލިޙްގެ ވިސްނުންފުޅަކީ ފިތުނަވެރި ވާހަކަތަކަށް ބީރުކަންފަތެއް ދެއްވައިގެން ރައްޔިތުންނަށް ފައިދާވާ ކަންކަން ކޮށްދެއްވުން ކަމަށާއި އެކަމުގައި ރައީސް ޞާލިޙް ދެމިހުންނަވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ކޮޗިން އިން އައި ފުރަތަމަ ކާގޯ ފެރީ ކުޅުދުއްފުއްޓަށް ބަނދަރުކޮށްފައިވަނީ މިއަދު ހެނދުނު 6:30 ހާއިރުއެވެ. އިންޑިއާގެ ކޮޗިންއިން ކާގޯއާ އެކީ އައި، މި ފުރަތަމަ ފެރީއަކީ އެއްފަހަރާ 3000 ޓަނުގެ މުދާ އުފުލޭ ބޯޓެކެވެ. ފުރަތަމަ ދަތުރުގައި ކުޅުދުއްފުއްޓަށް 500 ޓަނުގެ ސިމެންތިއާއި، އަދި އެހެނިހެން ބާވަތްތަކުގެ މުދާ ހިމެނޭ 2 ކޮންޓެއިނަރު ގެނެސްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން