ދިވެހި އަސްކަރިއްޔާގެ ޚިދުމަތްތެރިން
ދިވެހި އަސްކަރިއްޔާގެ ޚިދުމަތްތެރިން
ދިވެހި އަސްކަރިއްޔާގެ ވައިގެ ބާރުގެ ފުރަތަމަ އެއަރ ސްޓޭޝަން ޤާއިމުކޮށް، ޚިދުމަތް ފެށުމަށް ނިންމައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިގޮތަށް ނިންމެވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 106 ވަނަ މާއްދާގެ (ށ) އާއި، 115 ވަނަ މާއްދާގެ (ޓ) އާއި، ސިފައިންގެ ޤާނޫނުގެ 9 ވަނަ މާއްދާއިން ލިބިދޭ ބާރާއި އިޚުތިޔާރުގެ ދަށުން މިއަދު ނެރުއްވި ޤަރާރަކުން ކަމަށެވެ.

އެގޮތުން ދިވެހީންގެ ދީނާއި ދިވެހީންގެ މިނިވަންކަމާއި ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ނަގަހައްޓައި ދެމެހެއްޓުމަށް ޓަކައި ދިވެހިރާއްޖޭގެ ވައިގެ ސަރަޙައްދާއި، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމަށާއި، ދިވެހިރާއްޖޭގެ ސަރަޙައްދުގައި ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގަންޖެހޭ އޮޕަރޭޝަންތައް ހިންގުމަށާއި، ރެޔާއި ދުވާލު ސައުވީސްގަޑިއިރު ހުއްޓުމެއްނެތި ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދު ދިފާޢުކޮށް ބެލެހެއްޓުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި އަސްކަރިއްޔާއާ މަތިކުރެވިފައިވާ ޒިންމާއާއި ވާޖިބު އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށްޓަކައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެއަރ ކޯރގެ ފުރަތަމަ އެއަރ ސްޓޭޝަން ޤާއިމުކޮށް، އެ އެއަރ ސްޓޭޝަނުގެ ޚިދުމަތް ފެށުމަށް މި ޤަރާރުން ވަނީ ދިވެހި ސިފައިންގެ މައްޗަށް އަންގައި އަމުރުކޮށްފައެވެ.

ރައީސް މިއަދު މިނިންމެވުން ނިންމަވާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެއަރ ކޯރ އުފެއްދެވީ 15 މާރިޗު 2024 ގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 5/2024 އިންނެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ދިވެހި އަސްކަރިއްޔާގެ ވައިގެ ބާރުގެ ފުރަތަމަ އެއަރ ސްޓޭޝަން ޤާއިމުކުރާނީ އައްޑޫ ގަން އެއާޕޯޓުގެ ރަންވޭގެ ދެކުނުން އޮތް ސަރަހައްދުގައެވެ. އަދި މި ހަފުތާގައި ރައީސް ޑރ. މުއިއްޒު ފުވައްމުލަކާއި އައްޑޫއަށް ކުރަށްވާ ދަތުރުފުޅުގައި ވައިގެ ބާރުގެ ޑްރޯންތައް ދައްކާލައި، އެއާ ސްޓޭޝަން ރަސްމީކޮށް އިފްތިތާހުކުރަށްވާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް