ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް
ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް
މިއަދަކީ އަވަށްޓެރި އިންޑިޔާގެ މަދަދުވެރިކަން ދާއިމަށް ދިވެހިންނަށް ހަނދާންކޮށްދޭ ދުވަހެއް ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މީސް މީޑިއާގައި މިއަދު ޙިއްސާ ކުރެއްވި މެސެޖެއްގައި ރައީސް ޔާމީން ވަނީ ނަސްރުގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ދިވެހި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.

ހަމައެއާއެކު ރައީސް ޔާމީން ވަނީ މިއަދު އާވެ އާލާވާ މަތިވެރި ޒިކުރާތަކެއްގެ ހަނދާންތައް އައު ކުރަށްވާފައެވެ. އެގޮތުން އެދުވަހު ދިވެހިންނަށް ނަސްރުދެއްވި ކަމަށްޓަކައި اللهގެ ޙަޟުރަތަށް ޙަމްދާއި ޝުކުރުކުރުންމަތީ ދެމިތިބެންޖެހޭކަން ރައީސް ޔާމީން ހަނދާން ކޮށްދެއްވާފައިވެއެވެ.

އަދި މިއަދަކީ ދިވެހިންގެ ލޭ އޮހޮރުވާލައި ވެރިކަން ބަދަލުކުރަން އުޅުނު ދުވަސް ކަމަށާއި، ސިފައިންގެ ވަރުގަދަ ޢަޒުމާއި ވަރުގަދަ ޤުރުބާނީ ފާހަގަ ކުރެވުނު ދުވަސް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އޭގެއިތުރުން މިއަދަކީ ޒުވާން ޝަހީދު ޙުސައިން އާދަމްގެ މަތިވެރި ޖިހާދުގެ ދުވަސް ކަމަށާއި، ޤައުމު ދިފާޢު ކުރުމުގައި އެންމެ އާދައިގެ ސިފައިންގެ ބޭކަލަކު މުޅި ސިފައިންގެ ލަޝްކަރަށް ފިލާވަޅު ނަގައިދިން ދުވަސް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"ހަމަ އެފަދަ ޤައުމީ ބަޠަލު ބްރިގޭޑިއާ ޖެނެރަލް (ރޓ) އިބްރާހިމް މުޙައްމަދު ދީދީގެ މަތިވެރި ހިތްވަރުގަދަ މަސައްކަތުން ސިފައިންގެ ހަތިޔާރު ގުދަން ސިފައިންގެ އަތުޖައްސައިދީ ވަރުގަދަ ރައްދު ހަމަލާތަކެއް ދިން ދުވަސް. އަވަށްޓެރި އިންޑިޔާގެ މަދަދުވެރިކަން ދާއިމަށް ދިވެހިންނަށް ހަނދާންކޮށްދޭ ދުވަސް." ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީން ވިހެން ވިދާޅުވެފައިވާއިރު، ނަސްރުގެ ދުވަސް ފާހަގަކުރަނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިންވަނަ ދުވަހު ދިވެހި ހާއިނުންނާއި ބޭރުގެ ނިރުބަވެރި ޖަމާއަތެއް ގުޅިގެން ދިން ކުއްލި ހަމަލާއިން ދިވެހި ސިފައިންނަށް ނަޞްރު ލިބުނު ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ. މިއަދަކީ ރާއްޖޭގެ 37 ވަނަ ނަސްރުގެ ދުވަހެވެ.



ކިޔުންތެރިންގެ ހިޔާލު