އެވޯޑް ޙަވާލުކުރުމުގެ ޙަފްލާ
އެވޯޑް ޙަވާލުކުރުމުގެ ޙަފްލާ
މާލީ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކޯރަސްގެ ފަރާތުން، "އައުޓްސްޓޭންޑިންގ އެޗީވްމަންޓް އޮފް ދަ އިޔަރ އިން ފައިނޭންޝަލް އިންކްލޫޝަން"ގެ ޝަރަފުވެރި އެވޯޑު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދީފިއެވެ.

މި އެވޯޑު ބީއެމްއެލްއަށް ދީފައިވަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ބޭންކިންގ ޚިދުމަތް ގާއިމުކޮށް، މާލީ ބައިވެރިވުން އިތުރުކުރުމަށް ބީއެމްއެލް އިން ކޮށްފައިވާ ހަރުދަނާ މަސައްކަތުގެ ސަބަބުން ކަމަށް އެބޭންކުން ވަނީ ބުނެފައެވެ.

ދުބާއީގައި ބޭއްވި ރީއިންވެންޓް ފޯރަމް 2025 ގައި މިއެވޯޑު ބީއެމްއެލްއަށް ދީފައިވަނީ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއު ކާމިޔާބުކަމާއެކު ނިންމާލެވުމާ ގުޅިގެންނެވެ. މި މަޝްރޫއު ބޭންކުން ނިންމާލާފައި ވަނީ 28 އޮކްޓޫބަރު 2025 ގައެވެ. މި މަޝްރޫއުގެ ދަށުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސެލްފް ސަރވިސް ބޭންކިން ޚިދުމަތް ބީއެމްއެލް އިން ވަނީ ގާއިމުކޮށްފައެވެ. ޚާއްސަ ގޮތެއްގައި، 9 މަސްދުވަހުގެ ތެރޭގައި 105 ރަށެއްގައި އޭޓީއެމް ބަހައްޓައި، އެތައްހާސް ދިވެހީންނަށް ފަސޭހަކަމާއެކު ވާސިލުވެވޭނެ ބޭންކިންގ ޚިދުމަތެއް ވަނީ ގާއިމުކޮށްފައެވެ.

"ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް އަޅުގަނޑުމެންގެ ޚިދުމަތްތައް ފުޅާކުރުމަށް ކުރެވުނު މަސައްކަތްތަކުގެ އަގުވަޒަންކޮށް، މި އެވޯޑު ލިބުމަކީ އަޅުގަނޑުމެނަށް ލިބޭ ފަޚުރެއް. މިކަމުން ހާމަވެގެންދަނީ އަޅުގަނޑުމެންގެ މި މަޝްރޫއުގެ މުހިންމުކަމާއި ބޭނުންތެރިކަން. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޚިދުމަތް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެނަށް ލިބޭ އުފަލެއް އަދި އަޅުގަނޑުމެންގެ އަމާޒަކީ ބޭންކުގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ކަސްޓަމަރުންނަށް އެންމެ ބޭނުންވާ ޚިދުމަތެއް ފޯރުކޮށްދިނުން." ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލް އިން ބުނީ، ކޯރަސް އަކީ މާލީ ދާއިރާގައި ދުނިޔޭގެ އިތުބާރު ހޯދާފައިވާ ބްރޭންޑެއް ކަމަށެވެ. އެގޮތުން ދުނިޔޭގެ 120 އަށް ވުރެ ގިނަ ގައުމެއްގެ 1200 މާލީ އިދާރާގެ ފުރިހަމަ ތާއީދު ކޯރަސްއަށް ލިބިފައިވާކަން ބީއެމްއެލް އިން ފާހަގަކޮށްފައިވެއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 202 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 262 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލް އިން މަޢުލޫމާތު ލިބިފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް