ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)
ސަރުކާރުގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް މިފަހުން ގެނެވުނު ބަދަލުތަކާ ގުޅިގެން، ބައެއް ގިންތިތަކުގެ މުވައްޒަފުންގެ ފަރާތުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވިދާޅުވެއްޖެއެވެ.

އެކްސް (ކުރީގެ ޓްވިޓާ) ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ކުޑޫ ވިދާޅުވީ، މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލުތަކުގެ ސަބަބުން ގިނަ އަދަދެއްގެ މުވައްޒަފުންނަށް އެކި ގޮތްގޮތުން ނޭދެވޭ އަސަރު ކޮށްފައިވާ ކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ. މީގެ ތެރޭގައި ޚާއްސަކޮށް ސިވިލް ސާވިސްގެ ގިނަ މުވައްޒަފުން ހިމެނޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކުޑޫ އިތުރަށް ވިދާޅުވީ، މިއީ ގިނަ އަދަދެއްގެ ސިވިލް ސާވިސް މުވައްޒަފުންގެ ކަންބޮޑުވުން ހުރި ކަމަކަށް ވުމާއިއެކު، މިކަމަށް ސަރުކާރުގެ ސަމާލުކަން ހޯދުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ. މި މައްސަލަތައް ތަފްސީލުކޮށް ދިރާސާކުރުމަށްޓަކައި، މުވައްޒަފުންގެ ތަފްސީލީ ޝަކުވާތަކާއި ހިޔާލުތައް އެއްކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

މެންބަރު ކުޑޫ ވަނީ މި މައްސަލައިގައި ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން، އެފަރާތްތަކުގެ ތަފްސީލީ ޝަކުވާތައް މިމަހުގެ 24 ވަނަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވުމަށް އެދިފައެވެ. މި މަސައްކަތުގެ މަޤްސަދަކީ މުވައްޒަފުންގެ ކަންބޮޑުވުންތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި، އެކަށީގެންވާ ހައްލެއް ހޯދުމަށް މަގުފަހިކުރުންކަމަށް ކުޑޫ ހާމަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް