ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)
އެކި އިދާރާތަކަށް މަޖިލިސް މެމްބަރުން ފޮނުވާ ސިޓީތަކަށް ޖަވާބު ނުދޭތީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ސޯޝަލް މީޑިއާގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައި ކުޑޫ ވިދާޅުވީ އެކި އިދާރާތަކަށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ފޮނުއްވާ ސިޓީއަށް ޖަވާބެއް ނުދެއްވުމަކީ، ރައްޔިތުންގެ މަޖިލިސްގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނަށް ތަބާ ނުވުން ކަމުގައެވެ.

އަދި މިކަމަކީ މަޖިލީހުގެ އިމްތިޔާޒާ ގުޅޭ ކަމެއް ކަމަށާއި، މިއީ ކަނޑައެޅިގެން ޤާނޫނަށް ތަބާނުވުމާއި ޤާނޫނު މުގުރާލުމުގެ ސަގާފަތެއްގެ ފެށުން ކަމުގައި ކުޑޫ ވަނީ ސިފަކުރައްވާފައެވެ.

ކުޑޫ މިހެން ވިދާޅުވެފައި ވާައިރު، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ގޮތުން ވަޒީރުންނަށް ފޮނުވާ ސިޓީތަކަށް ވަޒީރުން ޖަވާބުދާރީ ނުވާތީ މީގެ ކުރިންވެސް އިދިކޮޅު މެމްބަރުން ވަނީ ތަކުރާރުކޮށް އެވާހަކަތައް ދައްކާފައެވެ. އަދި އިދިކޮޅު މެމްބަރުން ވަނީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި އެކަން ރައީސްގެ ސަމާލުކަމަށްވެސް ގެނެސްފައެެވެ.

ޤާނޫނު އަސާސީގެ 98 ވަނަ މާއްދާގެ (ހ) ގައި، ބަޔާންކޮށްފައިވާ ގޮތުން ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ނުވަތަ ސަރުކާރުގެ އެހެންވެސް މަޤާމެއްގައި ހުރި މީހަކު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމަށާއި، އެ މީހަކު އަދާ ކުރާން ޖެހޭ ޒިންމާ އާއި މަސްއޫލިއްޔަތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތީން، އެ މީހަކާ ކުރެވޭ ސުވާލުތަކަށް ތެދުބަހުން ޖަވާބު ދިނުމަށާއި، އެ މީހަކު އަދާކުރާން ޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން އެ މީހަކަށް އެންގިދާނެއެވެ.

އަދި، ވަޒީރުންގެ މަޖިލީހުގެ މެންބަރަކާ ނުވަތަ ސަރުކާރުގެ އެއްވެސް ފަރާތަކާ އެ މީހަކު އަދާކުރާ މަސްއޫލިއްޔަތުތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުރާ ކޮންމެ ސުވާލަކަށް އެ މީހަކަށް އެނގިހުރި އެންމެ ރަނގަޅަކަށް ތެދުބަހުން ޖަވާބު ދޭންވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް