ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭން ޖެހޭ ފައިސާ ނުދޭތީ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު، ވިދާޅުވެއްޖެއެެވެ.

ޝަމްހީދު މިހެން ވިދާޅުވެފައި މިވަނީ ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗް އިން ލޭގެ ޓެސްޓުތައް ހެދުމަށް ބޭނުންވާ ބައެއް ސާމާނު ނެތުމުގެ ސަބަބުން، ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ ބައެއް ފަރާތްތަކަށް ކޮންމެހެން ހަދަންޖެހޭ ޓެސްޓުތަކެއް ނުހެދުނު ކަމަށް ބުނާ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރި ޕޯސްޓުގައި ޝަމްހީދު ވިދާޅުވީ ބޭސް ނުލިބުން އެއްބަޔަކު އަޅުވަނީ އާސަންދަ ބޮލުގައި ކަމަށާއި، އެތަނުން ބޭސް އެޕުރޫވް ކުރަން އެތަށް މަހެއް ހޭދަ ކުރަންޖެހޭ ކަމަށް ބުނާ ކަމަށެވެ.

އެހެންނަމަވެސް އައިޖީއެމްއެޗުން ތަކެތި ހުސްވަނީ ސަޕުލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ، ބިލްތައް ބިލިއަނުން އަރަމުންދާތީ ކަމަށް ޝަމްހީދު ވަނީ ވިދާޅުވެފައެވެ.

ޑރ. ޝަމްހީދު މިހެން ވިދާޅުވެފައިވާއިރު، އައިޖީއެމްއެޗުން ޓެސްޓުތަކެއް ނުހެދިގެން އުޅޭ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މާވަށު ދާއިރާގެ އެމްޑީޕީގެ މެންބަރު އަހްމަދު ޝާކިރެވެ. މިކަމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމަށް މެންބަރު ޝާކިރު ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ، އުމުރުން 18 އަހަރުގެ ނަފްސާނީ ބައްޔެއް ތަހައްމަލު ކުރަމުންދާ ކުއްޖަކަށް ކޮންމެހެން ހަދަންޖެހޭ ޓެސްޓުތައް އައިޖީއެމްއެޗުން ނުހެދޭނެކަން އަންގާފައިވާ ކަމަށެވެ.

އަދި އައިޖީއެމްއެޗުން އެކަން އަންގާފައިވަނީ އެ ކުއްޖާއަށް ފަރުވާއެއް ފެށުމުގެ ކުރިން ހަދަންޖެހޭ ޓެސްޓުތައް ހެދޭތޯ ޔަގީންކުރުމަށްފަހު، އެ ފަރުވާގެ ޓެސްޓު ހެދުމަށް ނަންބަރު ނަގައި، 200 އަށް ވުރެ ގިނަ މީހުންގެ ކިޔޫއަކަށް ފަހު ލޭ ނަގަން ދިޔަ ވަގުތު ކަމަށް ސިޓީގައި ވަނީ ބުނެފައެވެ.

އެ ސިޓީގައި ވާގޮތުން މިވަގުތު އައިޖީއެމްއެޗްގެ ލެބޯޓަރީގައި ލިތިއަމް ޓެސްޓް ހެދުމަށް ބޭނުންވާ ރީއޭޖެންޓެއް ނެތެވެ. މީގެ އިތުރުން، ޕެޓްރިޑިޝް އާއި ސްޓްރޯކް ޖެހޭ ބަލި މީހުންގެ ލޭ ދިޔާކުރުމަށް ބޭނުންވާ މުހިންމު ބޭސްވެސް ރާއްޖޭގައި ނެތް ކަމަށް ޝާކިރުގެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.

އެހެންކަމުން އެމައްސަލަ މަޖިލީހުގެ ކޮމިޓީން އިތުރަށް ބައްލަވައި އައިޖީއެމްއެޗްގެ ވެރިންގެ ކިބައިން އެކަމުުގެ މަޢުލޫމާތު ހޯއްދެވުމަށް ޝާކިރުގެ ސިޓީގައި ވަނީ އެދިލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް