ފެމެލީ ކޯޓް
ފެމެލީ ކޯޓް
އަނބިމީހާއާ ދިމާލަށް "ތިއިނީ ވަރިކޮށްފައި" ކަމަށް ބުނެވުނީ ރުޅިއައިސްގެން ކަމަށް ފިރިހެން މީހާ ޝަރީއަތުގައި ހުވާ ކުރުމުން، އެ ވަރި ސާބިތު ނުވާކަމަށް ފެމިލީ ކޯޓުން ނިންމައިފިއެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު ފެމިލީ ކޯޓުން ކޮށްފައިވާ ޙުކުމުގައި ބުނެފައިވަނީ، ފިރިހެން މީހާ ވަރީގެ އިބާރަތް ބޭނުންކުރީ ދެމަފިރިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ކަމަށެވެ. ޝަރީއަތުގައި ފިރިހެން މީހާ ބުނެފައިވަނީ ހަމަނުޖެހުމުގެ ތެރެއިން ވަރީގެ އިބާރަތް ބޭނުން ކުރެވުނީ ބޭއިހުތިޔާރުގައި ކަމަށާއި އެއިރު އޭނާ ހުރީ ވަރަށް ބޮޑަށް ރުޅިއައިސްފައި ކަމަށެވެ.

ނަމަވެސް، އަންހެން މީހާ ޝަރީއަތުގައި ބުނެފައިވަނީ ދެމަފިރިންގެ މެދުގައި ހަމަނުޖެހުމެއް ހިނގުމުގެ ސަބަބުން ފިރިހެން މީހާ ވަރަށް ބޮޑަށް ރުޅިއައި ކަމަށާއި ނަމަވެސް ވާނުވާ ނޭނގޭ ނުވަތަ އަމިއްލަ ނަފުސު ކޮންޓްރޯލުން ނެއްޓޭ މިންވަރަށް ރުޅިއައިސްފައި ނުވާ ކަމަށެވެ.

އެގޮތަށް އަންހެން މީހާ ބުނުމުން ފިރިހެން މީހާ ބުނީ ވަރީގެ އިބާރާތް ބޭނުން ކުރެވުނީ އެކަމުގެ ގަސްދަތެއް ނެތި ކަމަށާއި އެއީ ރުޅި އައިސް ހުރުމުން ބުނެވުނު އިބާރާތެއްކަމަށް ހުވާކުރާ ކަމަށެވެ.

ފެމިލީ ކޯޓުން ބުނީ ރާއްޖޭގެ ގާނޫނުތަކުގައި ރުޅި އައިސްގެން ވަރިކުރުމާ ގުޅޭ އެއްޗެއް ބަޔާންކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް މި މައްސަލައިގައި އިސްލާމީ ފިގުހުތަކުގެ ނިންމުންތަކައް ރިއާޔަތްކުރަން ޖެހޭކަމަށް ފެމިލީ ކޯޓުން ބުންޏެވެ.

އެގޮތުން ފިގުހީ އިލްމުތަކުން އެނގޭގޮތުގައި ރުޅީގައި ތިން ދަރަޖައެއްވާކަމަށް ޤަޟިއްޔާގެ ރިޕޯޓްގައިވެއެވެ. އެގޮތުން ފުރަތަމަ ދަރަޖައިގެ ރުޅިއަކީ، ރުޅި އައިނަމަވެސް ވަށައިގެންވާ ހުރިހާކަމެއް އެނގުމާއި އަމިއްލަ ނަފުސުގެ މައްޗަށް ކޮންޓްރޯލް އޮތުންކަމަށް ގާޒީ ވިދާޅުވިއެވެ. އެ ހާލަތުގައި ވަރީގެ އިބާރަތެއް ބޭނުންކޮށްފިނަމަ ވަރިވާނެ ކަމަށް ފެމިލީ ކޯޓުން ބުންޏެވެ.

ރުޅީގެ ދެވަނަ ދަރަޖައަކީ، ރުޅި އަންނައިރު ވަށައިގެން ހިނގާ ހުރިހާ ކަމެއް އެނގުނު ނަމަވެސް އަދި އަމިއްލަ ނަފުސުގެ ކޮންޓްރޯލް ގެއްލޭ ހިސާބަށް ނުދިޔަސް، ރުޅި އައިސްފައިވާ މީހާ ބޭނުންވާ ގޮތާ ހިލާފަށް ބަސްތައް ބުނެވުންކަމަށް ފެމިލީ ކޯޓުން ބުންޏެވެ. ރުޅީގެ ދެވަނަ ދަރަޖައިގައި ހުރެ ވަރީގެ އިބާރަތް ބޭނުންކޮށްފިނަމަ ވަރިވާނެ ކަމާމެދު އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވެފައިވާކަމަށް ފެމިލީ ކޯޓުން ބުންޏެވެ. ބައެއް އިލްމުވެރިން ދެކޭގޮތުގައި އެފަދަ ހާލަތުގައި ހުރެ ބުނާ ވަރި ބަހުގެ ސަބަބުން އަނބިމީހާ ވަރިވާނެއެވެ. ނަމަވެސް އަނެއްބައި އިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި އެފަދަ ހާލަތުގައި ހުރެ ދައްކާ ވާހަކައެއްގެ ސަބަބުން އެ މީހާގެ އަނބިމީހާ ވަރިއެއް ނުވާނެއެވެ.

ރުޅީގެ ތިންވަނަ ދަރަޖަ ތަފުސީލު ކޮށްދެމުން ފެމިލީ ކޯޓުން ބުނީ އެފަދަ ރުޅިއެއްގައި ހުންނަ މީހާއަށް ވަށައިގެން ހިނގާ ކަންކަން ނޭނގޭނެ ކަމަށާއި އަމިއްލަ ނަފުސުގެ މައްޗަށް އެއްވެސް ބާރެއްވެސް ނުފޯރުވޭނެ ކަމަށެވެ. ރުޅީގެ ތިންވަނަ ދަރަޖައިގައި ހުރެ ވަރީގެ އިބާރަތް ބޭނުންކުރި ނަމަވެސް ވަރިނުވާނެ ކަމަށް ރިޕޯޓްގައި ވެއެވެ.

އެހެންކަމުން ފިރުހެން މީހާގެ ހުވާގެ މައްޗަށް ބުރަވެ، ފެމިލީ ކޯޓުން ނިންމީ ވަރި ސާބިތު ނުވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް