ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް
ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް
ރައްޔިތުންނަށް ޙައްޤު މިންވަރު ލިބުނަނުދީ ހިފަހައްޓަނީ ސަރުކާރުތަކުން ކަމަށް ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙަމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫންގެ ދައުރުން ފެށިގެން ސަރުކާރުތަކުން ހިންގުމަށް އިޢުލާނު ކުރަމުން ގެންދާ އިހަވަންދިއްޕޮޅު ތަރައްޤީގެ މަޝްރޫޢު، މި ސަރުކާރުންވެސް ކުރިއަށް ގެންދިއުމަށް ނިންމައި އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ފަށާފައި ވާތީ އެކަމާ ގުޅިގެން ޝަރީފް މިއަދު ވިދާޅުވީ ދިވެހި ޒުވާނުން ނާށިގަނޑު ހިފައިގެން އުޅެން ޖެހިފައިވަނީ ސަރުކާރުތަކުން ޢަމަލުކުރާ ގޮތުގެ ސަބަބުން ކަމަށެވެ.

އެގޮތުން ޤުދުރަތީގޮތުން ދިވެހިންނަށް ލިބިފައިވާ ވަސީލަތްތަކުގެ މަންފާ ދިވެހިންނަށް ނުލިބޭ ގޮތަށް ފާޑުފާޑުގެ ތާކުންތާކު ނުޖެހޭ ޤާނޫނުތަކާއި ޤަވާއިދުތައް ހަދައިގެން ވެރިކަންކުރާ މީހުން އެކިއެކި މިނިސްޓްރީގެ ތެރެއިން ހިފަހައްޓަމުން ގެންދާ ކަމަށް ޝަރީފު ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ ރާއްޖޭގެ ތަރައްޤީގެ ޕްލޭން އޮތީ އަލުން އެކުލަވާލަން ޖެހިފައި ކަމަށެވެ.

"މުޅި ރާއްޖޭގެ ހުރިހާ ސަރަޙައްދެއް އިންވެސްޓްމެންޓަށް ހުޅުވާލަން އެބަޖެހޭ. ރާއްޖޭގެ ބިމާއި، ފަޅުތަކާއި، ފިނޮޅުތައް ދިވެހިންނަށް ހުޅުވާލަން ޖެހެނީ ޓޫރިޒަމާއި ގުޅުވައިގެން މުޅިން އާ އުފެއްދުންތެރިކަމަކުން." ޝަރީފް ވިދާޅުވިއެވެ.

އެރޮނގުން މިސާލް ދައްކަވަމުން ޝަރީފް ވިދާޅުވީ، ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި ލިޓްލް ހުރާގެ ނަމުގައި މިހާރުގެ ފޯސީޒަން ރިސޯޓް ހިންގިއިރު ކޮޓަރިއަކަށް ލިބުނީ 45 ޑޮލަރު ކަމަށާއި، ނަމަވެސް ދުނިޔޭގެ ފެންވަރުގެ ބްރޭންޑަކަށް އެ ރިސޯޓު ބަދަލު ކުރުމުން ކޮޓަރިއެއްގެ އަގު 2000 ޑޮލަރުން މައްޗަށް އަރާފައިވާ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ޤުދުރަތީ މުއްސަނދި ކަމުގެ ފައިދާ ލިބިގަންނަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން އެންމެ އިސްކަމެއްދޭން ޖެހިފައިވަނީ ރާއްޖޭގެ އިޤްތިޞާދު ކޮޅަށް ޖެހުމަށް ކަމަށާއި، އެހެންކަމުން އުފެއްދުންތެރިކަން އިތުރުކޮށް ދިވެހިންގެ އިޤްތިޞާދު ދިވެހިންނަށް އަނބުރާ ހޯދައި ދިނުމަށް މަސައްކަތް ކުރަން ޖެހޭކަން ޝަރީފް ފާހަގަކުރެއްވިއެވެ. އަދި ފަހަށް ރައްކާ ނުކުރުމުގެ ސަބަބުން ދިމާވި ގޮންޖެހުންތައް ތަކުރާރުވިޔަ ނުދިނުމަށް ސަމާލުވާންޖެހޭ ކަންވެސް ޝަރީފު ފާހަގަކުރެއްވިއެވެ.

ސަރުކާރުން އިއްޔެ ވަނީ ސަރުކާރުގެ ޕޮލިސީ ޕްރަޔޮރިޓް ނުވަތަ ސަރުކާރުން ކުރަން އިސްކަންދޭ ކަންކަން ހިމެނޭ ލިސްޓާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ކެބިނެޓްގައި މަޝްވަރާކޮށް ހުރިހާ ދާއިރާތަކުން ވެސް ކުރިއަށް އޮތް 2 އަހަރަށް އިސްކަންދީގެން ކުރާނެ ކަންތައްތައް ކަނޑައަޅާފައެވެ. އަދި ސަރުކާރުގެ އޮފީސްތަކުން މިކަންތައްތަކަށް އަމަލު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އިއްޔެ އޮތް ވަޒީރުންގެ މަޖިލީހުގައި ވަނީ ނިންމަވާފައެވެ.

ޝަރީފު ވިދާޅުވިފަދައިން ކޮންމެ ކަމަކަށް ބޮޑެތި ހުރަސްތައް އެޅޭނެހެން މިނިސްޓްރީ ތަކުން ބޮޑެތި ގަވާޢިދުތައް ހަދައިގެން ކަންކަން ވީހާވެސް ނުކުރެވޭ ގޮތަށް ގަވާޢީދުތައް ހަދަމުންދާ ކަމަށް ބުނެ ގިނަބަޔަކު ދަނީ އަބަދުވެސް ސަރުކާރުތަކަށް ފާޑު ކިޔަމުންނެވެ. އެގޮތުން ދާދިފަހުން މަސްވެރިކަމާބެހޭ ގަވާޢިދެއް އެކުލަވާލާ އާންމު ކުރިއިރު އެ ގަވާޢިދުގައި ވެސް ކުރިއަށް ދިއުމަށް ހުރަސް އެޅޭ ތާކުންތާކު ނުޖެހޭ އެތައް ކަމެއް ހިމަނާ "ފިއްތާލާފައިވާ" ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން