އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ
ދައުލަތުގެ ދަރަނި ބޮޑުވާ ވާހަކަ ދައްކައިގެން ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންތައްތައް ކޮށްދިނުމަށް ސަރުކާރުން އުޒުރުވެރިވަމުންދާ ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ރޭ ވިދާޅުވެއްޖެއެވެ.

ދަނޑިކޮށި ޖަގަހައިގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބުދުލް ޣަފޫރު މޫސާ ވިދާޅުވީ، މި އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 168 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ. އެމްޑީޕީގެ ސަރުކާރު ނިމުނުއިރު ދަރަނި ހުރީ 126 ބިލިއަން ރުފިޔާގައި ކަން ފާހަގަކުރައްވައި، ޣަފޫރު ވިދާޅުވީ ދައުލަތުގެ މުޅި ދަރަނީގެ 28 އިންސައްތައަކީ މި ސަރުކާރުން އުފެއްދި ދަރަނި ކަމަށެވެ. މިއީ ވޭތުވެދިޔަ ހަ ސަރުކާރުގައިވެސް ނުއުފައްދާ ވަރުގެ ބޮޑު ދަރަންޏެއް ކަމަށް ޣަފޫރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެމްޑީޕީގެ ސަރުކާރުގައި ދަރަނި ބޮޑުވި ސަބަބާ ގުޅޭގޮތުން ޣަފޫރު ވިދާޅުވީ، އެއީ ކޮވިޑް-19 ގެ ދަތި ހާލަތުގައި އާމްދަނީ ނުލިބި ޚަރަދުކުރަން ޖެހުމުން ދިމާވި ހަގީގީ ހާލަތެއް ކަމަށެވެ. އަދި އެ ދުވަހު ދަރަންޏަށް ފައިސާ ހޯދައިގެން ނަމަވެސް ދިވެހި ރައްޔިތުން އުފަލާއި އަރާމުގައި ބޭތިއްބުމުގެ ފުރުސަތު ލިބުނު ކަމަށްޓަކައި އުފާކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ސަރުކާރުން ބަޖެޓުން ކުރަމުންދާ އިސްރާފަށް ފާޑުވިދާޅުވަމުން ޣަފޫރު ވިދާޅުވީ، އެމެރިކާ ފަދަ ބޮޑު ގައުމެއްގެ ސަރުކާރުގައި 4،000 ސިޔާސީ ބޭފުޅުން ތިއްބެވިއިރު، ރައީސް މުއިއްޒުގެ މި ސަރުކާރުގައި 4،100 ސިޔާސީ ބޭފުޅުން އެބަތިއްބެވި ކަމަށެވެ.

"މި ބޭފުޅުންގެ މުސާރައަށް މަހެއްގެ މައްޗަށް 160 މިލިއަން ރުފިޔާ ޚަރަދުކުރޭ. އެއީ 10 އަހަރުގެ ފެނާއި ނަރުދަމާ އަޅާނެ ލާރި. ދެން ރައްޔިތުން ގާތަށް ގޮސް ދައުލަތުގެ ޚަރަދު ކުޑަކުރާ ވާހަކަ ދެއްކުމަކީ ލަދުވެތި ކަމެއް،" ޣަފޫރު ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ޣަފޫރު ވިދާޅުވީ އިންތިޚާބުތައް އެއްކޮށްލުމާއި ދައުރު ދަންމާލުމުގެ ވާހަކަތަކަށް އެމްޑީޕީން "ނޫނެކޭ" ބުނާނެ ކަމަށާއި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުތަކުގައި ބޮޑު ކާމިޔާބީއެއް ހޯދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. ރައްޔިތުން ބޭނުންވަނީ އަލުން ޑިމޮކްރެޓިކް އުސޫލުތައް ގެނައުމަށް ކަމަށާއި، ސަރުކާރުން ވެފައިވާ އެއްވެސް ވައުދެއް މިހާތަނަށް ފުއްދިފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދައުލަތުގެ މިނިވަން މުއައްސަސާތަކުގައި ތިއްބެވި ބޭފުޅުންނަށް އިލްތިމާސް ކުރައްވަމުން ޣަފޫރު ވިދާޅުވީ، އެބޭފުޅުންނަށް މުސާރަދެނީ ވަކި މީހެއްގެ ގެއަކުން ނޫން ކަމަށާއި، ރައްޔިތުންގެ ޓެކްސް ފައިސާ ކަމަށެވެ. އަދި ގާނޫނީ ޒިންމާއަށް އިހުމާލުވާ ފަރާތްތައް އެމްޑީޕީގެ ދެން އުފެދޭ ވެރިކަމެއްގައި އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރާނެ ކަމުގެ އިންޒާރުވެސް ޣަފޫރު ދެއްވިއެވެ.

ޣަފޫރު އިތުރަށް ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ ހިޔާލުތަފާތުވުންތައް އެއްފަރާތްކޮށް، އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކޮށްފިނަމަ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އެޕާޓީ އަށް ކާމިޔާބުކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ ޚިޔާލު ތަފާތުވުންތަކުގެ ތެރޭގައި ނުސިޔާރު ކަންތައް ކުރަންވެއްޖެއްޔާ އަޅުގަނޑުމެން ބޭނުންވާ އަދަދަކަށް މި ގޮނޑިތަކެއް އަޅުގަނޑުމެންނަށް ކާމިޔާބެއް ނުކުރެވޭނެ، މިގައުމުގެ ހައްގުގައި މި ޕާޓީގެ ހައްގުގައި ޕާޓީގެ މަސްލަހަތަށް ބަލައި އަޅުގަނޑުމެން މިއަދު އެބަޖެހޭ އެންމެން އެއްބައިވެގެން އެކުގައި މަސައްކަތް ކުރަން، ތިބޭފުޅުންނަށް އަޅުގަނޑު މިދޭ ޔަގީންކަމަކީ އިރާދަކުރެއްވިއްޔާ ލޮނދި ހިކައެެއް ބީވެގެންދާ އުސޫލުން މި އިންތިހާބު އަޅުގަނޑުމެން ޖަހަައިގަންނާނަން،" ޣަފޫރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު