އަދާލަތު ޕާޓީގެ އައު ރައީސަކު ހޮވުމަށް ބާއްވާ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު، އެ މަގާމަށް އެ ޕާޓީގެ މިހާރުގެ ނައިބުރައީސް ޝައިހް މުހައްމަދު ޝިފާން އާއި އިކްރާމް އަބްދުއްސައްތާރު ކުރިމަތިލައްވައިފި އެވެ.

މިދިޔަ ޑިސެމްބަރު 29 ގައި ހުޅުވާލި މި ފުރުސަތުގައި މި ދެ ބޭފުޅުން ފިޔަވައި އިތުރު ކެންޑިޑޭޓަކު ފޯމު ހުށަހަޅާފައި ނުވާކަން ވަނީ އެނގިފަ އެވެ.

މި އިންތިހާބުގައި ޝައިހް ޝިފާންގެ ނައިބުރައީސެއްގެ ގޮތުގައި ހުށަހަޅާފައިވަނީ އަބްދުﷲ އެވެ. އަދި އިކްރާމްގެ ނައިބުރައީސަކަށް ހުށަހަޅާފައިވަނީ މުހައްމަދު މުއްތަލިބު އެވެ. ޖެނުއަރީ 31 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ އިލެކްޓްރޯނިކް ވޯޓިން މެދުވެރިކޮށް ކަމަށް އެ ޕާޓީން މައުލޫމާތު ދެއެވެ.

ޕާޓީގެ މިހާރުގެ ރައީސް، ކުރީގެ ހޯމް މިނިސްޓަރު ޝައިހް އިމްރާން އަބްދުﷲ މިފަހަރުގެ އިންތިހާބުގައި ވާދައެއް ނުކުރައްވަ އެވެ. އެއީ އަދާލަތު ޕާޓީގެ ހިންގާ ގަވާއިދުގައިވާ ގޮތުން ވިދިވިދިގެން ދެ ދައުރު ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް ތިންވަނަ ދައުރަކަށް އެ މަގާމަށް ކުރިމަތިނުލެވޭތީ އެވެ. އިމްރާން ވަނީ މިހާތަނަށް ޖެހިޖެހިގެން ދެ ދައުރު ޕާޓީގެ ރައީސްކަން ފުރުއްވާފަ އެވެ.



ކިޔުންތެރިންގެ ހިޔާލު