އައިޖީއެމްއެޗް
އައިޖީއެމްއެޗް
މާލޭގެ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި 2016 އިން 2024 އަށް އުފަންވި ކުދިންގެ ތެރެއިން ހަތަރު އިންސައްތައަށްވުރެ ގިނަ ކުދިންގެ ކިބައިގައި އުފަންވާއިރު ހުންނަ އައިބުތައް ނުވަތަ "ބާތު ޑިފެކްޓްސް" ހުރިކަން ގައުމީ ފެންވަރުގެ އާ ދިރާސާއަކުން ހާމަވެއްޖެއެވެ.

އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރުން ކަމަށްވާ ޑރ. އަހްމަދު ފައިސަލް، ޑރ. ހަމްސާ އާރިފް ރަޝީދު، ޑރ. މިހްނަތު މުސްތަފާ އަދި ޑރ. ނިޔާޝާ އިބްރާހިމް އިސްވެ ތިއްބަވައިގެން ކުރިއަށް ގެންދިޔަ މި ދިރާސާގައި، ނުވަ އަހަރުގެ މުއްދަތެއްގެ ތެރޭގައި އެ ހޮސްޕިޓަލުގައި އުފަންވި 17،188 ކުދިންގެ މައުލޫމާތު ވަނީ ތަހުލީލުކޮށްފައެވެ.

މި ދިރާސާއިން ދައްކާގޮތުގައި 729 ކުއްޖެއްގެ ކިބައިގައި މަދުވެގެން އެއް އައިބު ހުރި އިރު، މިއީ ކޮންމެ 1،000 ކުދިންގެ ތެރެއިން 42.4 ކުދިންނެވެ. މި ދިރާސާއިން ހާމަވި ގޮތުގައި އެންމެ އާންމުކޮށް ފެންނަނީ ލޭދައުރުކުރާ ނިޒާމާ ގުޅުންހުރި، ހާއްސަކޮށް ހިތުގެ ބަލިތަކެވެ.

މީގެ ތެރޭގައި ވެންޓްރިކިއުލާ ސެޕްޓަލް ޑިފެކްޓްސް އާއި އޭޓްރިއަލް ސެޕްޓަލް ޑިފެކްޓްސް ފަދަ މައްސަލަތައް ހިމެނޭއިރު، މިއީ ރެކޯޑު ކުރެވުނު އައިބުތަކުގެ 29 އިންސައްތައެވެ. ދެވަނައަށް އެންމެ ގިނައީ ކަށިތަކާއި މަސްތަކުގެ ނިޒާމާ ގުޅުންހުރި އައިބުތައް ކަމަށާއި، ތިންވަނައަށް ހަޖަމުކުރާ ނިޒާމުގެ މައްސަލަތައް ހިމެނޭ ކަމަށް ޑޮކްޓަރުން ފާހަގަކުރަށްވާފައިވެއެވެ.

މީގެ އިތުރުން، އަންހެން ކުދިންނަށްވުރެ ފިރިހެން ކުދިންގެ ކިބައިގައި މިފަދަ އައިބުތައް ހުރި މިންވަރު އިތުރު ކަމަށާއި، މިފަދަ ގިނަ ކުދިން އުފަންވެފައިވަނީ ސިޒޭރިއަން ހަދައިގެން ކަމަށްވެސް ދިރާސާއިން ދައްކައެވެ. އުފަންވާއިރު ހުންނަ އައިބުތަކުގެ ސަބަބުން ތުއްތު ކުދިންގެ ފުރާނައަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވާކަން މި ހޯދުންތަކުން ދައްކައެވެ.

އެގޮތުން، މިފަދަ އައިބުތަކާއެކު އުފަންވި ކުދިންގެ 11 އިންސައްތައަށްވުރެ ގިނަ ކުދިންނަށް އުފަންވުމާއެކު ނޭވާލެއްވުމުގެ އެހީތެރިކަން ބޭނުންވިއިރު، އެ ކުދިންގެ މަރުވާ ނިސްބަތް ހުރީ 3.7 އިންސައްތައިގައެވެ. ނަމަވެސް، މިއީ ހަމައެކަނި އައިޖީއެމްއެޗްގެ ތަފާސްހިސާބުތަކަށް ވާތީ، މުޅި ރާއްޖޭގެ ހާލަތު މިއަށްވުރެ ގޯސްވުން އެކަށީގެންވާ ކަމަށް ޑޮކްޓަރުން އިންޒާރު ދެއްވައެވެ. ސަބަބަކީ ބަނޑަށް މަރުވާ ކުދިންނާއި، އެހެން ހޮސްޕިޓަލްތަކުގައި އުފަންވާ ކުދިންގެ މައުލޫމާތު މި ދިރާސާގައި ހިމެނިފައި ނުވާތީއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މި ދިރާސާއިން ލަފާދީފައިވަނީ، އުފަންވާއިރު ހުންނަ އައިބުތަކުން ރައްކާތެރިވުމަށް މާބަނޑުވުމުގެ ކުރިންނާއި މާބަނޑު ދުވަސްވަރު ފޮލިކް އެސިޑް ބޭނުން ކުރުމަށް ބާރުއެޅުމަށެވެ. އަދި އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުގައިވެސް މިފަދަ އައިބުތައް ދެނެގަތުމުގެ ނިޒާމު ފުޅާކޮށް، އަލަށް އުފަންވާ ކުދިން ސްކްރީންކުރުމުގެ ގާބިލުކަން އިތުރުކުރުމަކީ މުހިންމު ކަމެއް ކަމަށް ޑޮކްޓަރުން ލަފާދެއްވާފައިވެއެވެ.

އަދި ގައުމީ ފެންވަރުގައި ހޭލުންތެރިކަން އިތުރުކޮށް، ގުޅިގެން މަސައްކަތްކޮށްފިނަމަ، ކުޑަކުދިން މަރުވުމާއި ރައްކާތެރިވެވިދާނެ ނުކުޅެދުންތެރިކަން ވަރަށް ބޮޑަށް މަދުކުރެވިދާނެ ކަމަށްވެސް ދިރާސާގައި ފާހަގަ ކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު