ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެމަނިކުފާނު ވެރިކަމުގައި ހުންނަވާ ކޮންމެދުވަހަކީ ގައުމަށް ލިބޭ ގެއްލުން އިތުރަށް ބޮޑުވަމުންދާނެ ދުވަހެއްގެ ގޮތުގައި ސިފަކުރައްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މައުރޫފު ވިދާޅުވީ، ސަރުކާރުން ހަރަދު ކުޑަކުރުމުގެ ނަމުގައި ކުރިއަށްގެންދާ މަސައްކަތްތަކަކީ މުޅި ނިޒާމު ގަޑުބަޑުކޮށް، ވެރިކަމުގައި ވީހާވެސް ގިނަ ދުވަހު ހުރުމަށް ކުރާ މަސައްކަތްތަކެއް ކަމަށެވެ.

އަދި ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ޚުދުމުޚުތާރު ވެރިކަމެއް ގާއިމުކުރެއްވުމަށް ކަމަށާއި، ދައުލަތުގެ މާލިއްޔަތު ލޫޓުވައި، ރައްޔިތުންނަށް އޮޅުވާލުމާއި ދޮގު ހެދުން ނޫން ކަމެއް ސަރުކާރުން ނުކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އިންތިހާބުތައް އެއްކޮށްލުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމަށް އިޝާރާތް ކުރައްވައި މައުރޫފު ވިދާޅުވީ، އެކަމަށް ހުރިހާ ރައްޔިތުން "ނޫނެކޭ" ބުނަންޖެހޭ ކަމަށެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި ރައީސް މުއިއްޒު ވެރިކަމުގައި އިތުރަށް ބެހެއްޓުމަކީ ގައުމަށް އޮތް ބޮޑު ނުރައްކަލެކެވެ.



ކިޔުންތެރިންގެ ހިޔާލު