ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ 30 އަހަރުގެ ދިގު ވެރިކަމުގައިވެސް ރައްޔިތުންނަށް ނުގެއްލޭ މިންވަރަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މިވީ ކުރު މުއްދަތުގެ ތެރޭގައި ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ރޭ ވިދާޅުވެއްޖެއެވެ.

މައުރޫފް މިހެން ވިދާޅުވީ އިދިކޮޅު އެމް.ޑީ.ޕީން ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ ރައީސް މުޢިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ ގާތްގަނޑަކަށް 15،000 ވޯޓުގެ ތަފާތަކުންކަމަށާއި ރައްޔިތުންގެ އަޣުލަބިއްޔަތު އެމަނިކުފާނަށް ލިބިވަޑައިނުގަންނަވާ ކަމަށެވެ. ރައީސް މުޢިއްޒަށް ވެރިކަން ލިބުމަކީ މި ގައުމު ހިތުހުރި ގޮތަކަށް ހެދުމަށް ރައްޔިތުން އެމަނިކުފާނަށް ދިން ލައިސަންސެއް ނޫން ކަމަށް މައުރޫފް ވިދާޅުވިއެވެ.

"އޭގެ މާނައަކީ މި ގައުމު ހިތުހުރި ގޮތަކަށް ރައީސް މުޢިއްޒަށް ދޭން ދިވެހި ރައްޔިތުން ނިންމީކީ އެ ނޫން،" މައުރޫފް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި ވަޢުދުތަކާއި މެނިފެސްޓޯއާ ޚިލާފުވަމުންދާކަން ފާހަގަކުރައްވަމުން މައުރޫފް ވިދާޅުވީ، ގާނޫނު އަސާސީ ރޫޅާލުމާއި، އިންތިޚާބުތައް އެއްކޮށްލުމަކީ އެމަނިކުފާނުގެ މެނިފެސްޓޯގައި އޮތް ކަންކަން ނޫން ކަމަށެވެ. އަދި އިންޑިއާ އައުޓް ކުރުމާއި، ޗާގޯސް ހޯދުމާއި، ފްލެޓާއި ގޯތި ދޭނެ ކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލާފައިވާ ކަމަށްވެސް މައުރޫފް ތުހުމަތު ކުރެއްވިއެވެ.

"ހަގީގަތަކީ މިއަދު ރައީސް މުޢިއްޒަކީ ލެޖިޓިމޭޓް (ގާނޫނީ ސައްހަކަން އޮތް) ވެރިއެއް ނޫންކަން އަޅުގަނޑުމެން ކަނޑައަޅަން ޖެހޭ. އެބޭފުޅާ ވެރިކަމަށް އަންނަން ވި ވަޢުދާ ޚިލާފުވެފައި މިއަދާ ހަމައަށް އައިރު އެހެރީ،" މައުރޫފް ވިދާޅުވިއެވެ.

މައުރޫފް އިތުރަށް ވިދާޅުވީ، ރައީސް މުޢިއްޒު މިއަދު ގެންދަވަނީ ދައުލަތުގެ މިނިވަން މުއައްސަސާތަކާއި ބާރުތައް ފުނޑާލަމުން ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހާއި، ސުޕްރީމް ކޯޓާއި، އިލެކްޝަންސް ކޮމިޝަން ފަދަ ތަންތަނުގެ ބާރު ކަނޑުވާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ރައްޔިތުންގެ ހައްގުތަކަކީ އެމް.ޑީ.ޕީން ވަރަށް ގިނަ ދުވަހު މަސައްކަތް ކޮށްގެން ހޯދާފައިވާ ހައްގުތަކެއްކަން ފާހަގަކުރައްވައި، މައުރޫފް ވިދާޅުވީ މި ހައްގުތައް ހިމާޔަތް ކުރުމުގެ ޒިންމާ އެމް.ޑީ.ޕީގެ ބޮލުގައި އެބައޮތް ކަމަށެވެ.

"މިހެން މަޑުން ތިބެއްޖެނަމަ މި ގައުމާ މި ގައުމުގެ މުސްތަގްބަލާ އަޅުގަނޑުމެންގެ ދަރިންގެ މުސްތަގްބަލް މީނާ ފުނޑާލާނެ،" މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވަނީ ސަރުކާރުން ކުރަން އުޅޭ ކަންކަމާ ދެކޮޅަށް މާލޭގެ މަގުތަކަށް ނުކުމެ ބޮޑެތި މުޒާހަރާތައް ބޭއްވުމަށާއި، ދެ އިންތިޚާބު އެއްކޮށްލުމަށް ބާއްވާ ރިފަރެންޑަމަށް "ނޫނެކޭ" ބުނުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު