ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކީ ރާއްޖޭގައި ރަސްކަމެއް ގާއިމުކުރުމަށް ކުރާ މަސައްކަތެއް ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) ވިދާޅުވެއްޖެއެވެެ.

ދެ އިންތިހާބު އެއްކުރުމާ ދެކޮޅަށް އެމްޑީޕީގެ ފަރާތުން މާލޭގައި ބޭއްވި އެއްވުމެއްގައި ވާހަކަދައްކަވަމުން ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. ޑީޑީ ވިދާޅުވީ، މި ބަރަކާތްތެރި ރަމަޟާން މަހުގެ ތެރޭގައި އަޅުކަމުގައި ތިބޭއިރުވެސް، ގައުމުގެ ހާލަތު އޮތްގޮތުން ހިމޭނަކުން ތިބެވެން ނެތް ކަމަށެވެ. އަދި ރާއްޖޭގެ އެއްވެސް ރައްޔިތަކު ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލަން ބޭނުންނުވާނެ ކަމަށް ޑީޑީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަސައްކަތް ކުރައްވަނީ ރާއްޖޭގައި ކުރީގައި 20 ނުވަތަ 30 އަހަރު ވަންދެން ވެރިކަން ކުރެއްވި ބޭފުޅުން ގެންގުޅުއްވި ފަދަ އަމިއްލަ އެދުންފުޅު އިސްކުރުމުގެ ވިސްނުންފުޅެއް ކަމަށެވެ.

"މި އުޅެނީ ހުރިހާ އިންތިހާބުތަކެއް އޮޅާލާ، ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެ، ކުޑަކާފު ބޮޑުކާފު ސަގާފީ ވިސްނުން ގެންގުޅެން،" ޑރ. ޑީޑީ ވިދާޅުވިއެވެ.

މީގެ އިތުރުން، އިންތިހާބުތައް އެއްކޮށްލަނީ ހަރަދު ކުޑަކުރުމަށް ކަމަށް ސަރުކާރުން ބުނާ ބުނުމަށްވެސް އޭނާ ރައްދު ދެއްވިއެވެ. ޑރ. ޑީޑީ ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމުން ސަލާމަތް ކުރެވެނީ ގާތްގަނޑަކަށް 30 މިލިއަން ރުފިޔާ ކަމަށްވާއިރު، ސަރުކާރުން އުފައްދާފައިވާ ބޭކާރު ބައެއް ވުޒާރާތައް، މިސާލަކަށް "ޅެމުން ފަރުވާދޭ މިނިސްޓްރީ" ފަދަ ތަންތަން އުވާލި ނަމަވެސް 150 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ.

އެހެންކަމުން، ރައީސް މުޢިއްޒު ދައްކަވާ މިފަދަ ވާހަކަތަކަށް އެއްވެސް ދިވެހި ރައްޔިތަކު "އާއެކޭ" ބުނެގެން ނުވާނެ ކަމަށާއި، އެ ވާހަކަ އަޑުއަހަން ހެޔޮނުވާނެ ކަމަށް ޑރ.ޑީޑީ ވިދާޅުވިއެވެ.

މައި ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ދެކޮޅަށް މަގުމަތީ ހަރަކާތްތަކެއް ހިންގުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުން ވަނީ ދާދިފަހުން ނިންމާފައެވެ. ދެ އިންތިޚާބު އެއްކުރުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ ފެންނަ ނުފެންނަ ވޯޓު ނެގުން، އޭޕްރީލް 4 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިޚާބާ އެކު ކުރިއަށް ގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު