ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގައުމުގެ ކަންކަން ކުރަމުންދަނީ ގާނޫނީ އިމުން ބޭރުން، ގައުމު "ނޮޅައި ވީދަމުން" ކަމަށް ވިދާޅުވެ، އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުއްގަފޫރު މޫސާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އިއްޔެ މާލޭގައި ބޭއްވި "ޕިކަޕް ޖަލްސާ" އެއްގައި ވާހަކަދައްކަވަމުން ގަފޫރު ވިދާޅުވީ، ކުރިއަށް އޮތް ކައުންސިލް އިންތިހާބާއި ރިޔާސީ އަދި މަޖިލިސް އިންތިހާބު އެއްކޮށްލުމާ މެދު ނަގާ ހިޔާލު ހޯދުމުގެ ވޯޓުގައި ރައްޔިތުން "ނޫނެކޭ" ބުނަން ޖެހޭ ކަމަށެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި މި ދެ އިންތިހާބު އެއްކޮށްލަން ސަރުކާރުން އުޅެނީ ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ފުނޑާލައި، ހުދުމުހުތާރު ވެރިކަމެއް ގާއިމުކުރުމުގެ ބޭނުމުގައެވެ.

ގަފޫރު އިތުރަށް ވިދާޅުވީ، ސަރުކާރުން ދަނީ އެކި މުއައްސަސާތަކުގައި ހުރި ރައްޔިތުންގެ ފައިސާ ނަގައި "ލޫޓުވަމުން" ކަމަށާއި، މިހާރު ހިނގަމުންދާ ކަންކަމުގެ ސަބަބުން ގައުމު ގޮސް ހުއްޓޭނެ ހިސާބެއް ވެސް ނޭނގޭ ކަމަށެވެ. އަދި އިންތިހާބުތައް އެއްކޮށްލުމަށް އާއެކޭ ބުނެފި ނަމަ، ދެން ފެންނާނީ ވެރިކަމުގެ ދައުރު ދަންމާލަން މަސައްކަތް ކުރާ ތަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މިހާރު ވަޒީފާ ދީފައި ތިބި މީހުން ވެސް އިންތިހާބު ނިމުމުން ވަޒީފާ އިން ވަކިކުރާނެ ކަމަށް ވިދާޅުވެ، ސަރުކާރު ހަމަމަގަށް އެޅުވުމަށްޓަކައި ކުރިއަށް އޮތް ވޯޓުގައި ރައްޔިތުން ސަރުކާރާ ދެކޮޅަށް ބަސް ބުނުމަށް އޭނާ ގޮވާލެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު