ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ އެކު ބޭއްވުން ހުއްޓުވައިދިނުމަށް އެދި ކޯޓަށް ހުށަހަޅާނެކަން އިދިކޮޅު އެމްޑީޕީން މިއަދު ހާމަކޮށްފިއެވެ.

މިކަން ހާމަކުރެއްވީ މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށްލުމާ ގުޅޭގޮތުން ނަގާ ވޯޓަށް 'ނޫނެކޭ' ބުނުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން މިހާރު ފާސްކޮށްފައިވާ ކަމަށެވެ. އަދި މިކަމުގައި މަސައްކަތް ކުރުމަށް ޚާއްޞަ އެކްޝަން ގުރޫޕެއް ނުވަތަ ޓާސްކް ފޯހެއް އެކުލަވައިލާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެ ގުރޫޕުގެ ތަރުޖަމާނު އަދި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މިއަދު ވިދާޅުވީ، ކައުންސިލް އިންތިޚާބާ އެކު މި ވޯޓު ނަގަން ސަރުކާރުން ނިންމީ ރާއްޖޭގައި ޚުދުމުހުތާރު ވެރިކަމެއް ގާއިމުކުރުމަށްޓަކައި ކަމަށެވެ.

"އަޅުގަނޑުމެނަކަށް އެއްބަސްވެވޭކަށް ނެތޭ އިންތިޚާބުތައް އެއްކޮށް، ވެރިކަމުގެ ނިޒާމު ގަޑުބަޑުކޮށް، ދިވެހި ރައްޔިތުން މިހާ ހިސާބަށް ތަޖުރިބާ ކުރަމުން އައި ވޯޓުލުމުގެ ހައްގު ނިމުމަކަށް ގެނެސް، ވަކި މީހެއްގެ ބާރުގެ ދަށަށް މުޅި ގައުމާއި ސިޔާދަތު ދޫކޮށްލައިގެން ތިބެވޭކަށް،" މައުރޫފް ވިދާޅުވިއެވެ.

އޭގެއިތުރުން މައުރޫފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނެރުއްވި ގަރާރު އޮތީ ގާނޫނުއަސާސީއަށް ގެނެވުނު ބަދަލުތަކާ ޚިލާފަށް ކަމަށެވެ. އެހެންކަމުން، އެ ގަރާރު ބާތިލުކުރުމަށާއި، ވޯޓު ނެގުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި މިއަދު ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ މިކަމުގެ ސަބަބުން އިއާދަނުކުރެވޭ ފަދަ ބޮޑު ގެއްލުމެއް ކުރިމަތިވެދާނެ ކަމުގެ ބިރު އޮތުމުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މައި ދެ އިންތިޚާބު އެއްކޮށްލުމަށް ނިންމަވައި، އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު އެ ވޯޓު ބާއްވަވަން ރައީސް މުއިއްޒު ގަރާރު ނެރުއްވީ މިދިޔަ ހަފުތާގެ ހޯމަ ދުވަހުއެވެ. ރައީސް ވިދާޅުވާ ގޮތުގައި މި ބަދަލުގެ ސަބަބުން ދައުލަތުގެ ބަޖެޓުން މަދުވެގެން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެއެވެ. އަދި އެ ފައިސާ ނިކަމެތި އާއިލާތަކުގެ ބޭނުންތަކަށް ހޭދަކުރެވޭނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މި އިސްލާހާ ދެކޮޅަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދާއި، ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލްގެ އިތުރުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ނަމަވެސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ މި ބަދަލަށް ތާއީދުކުރައްވާފައެވެ. އެމްޑީޕީން ކޯޓަށް ދާން ތައްޔާރުވަމުންދާއިރު، އިލެކްޝަންސް ކޮމިޝަނުން އަންނަނީ ވޯޓު ބޭއްވުމުގެ އިދާރީ ތައްޔާރީތައް ވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު