މި ސަރުކާރަށް އޮތް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށާއި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ ސިޔާސަތުތަކާމެދު ރައްޔިތުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރިއިރު، މިހާރު ފެންނަމުންދަނީ ސަރުކާރަށް އޮތް ތާއީދު އިންތިހާއަށް ކުޑަވަމުންދާ މަންޒަރެވެ.

އިންތިޚާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވުމަށްޓަކައި ދައުލަތުގެ ވަސީލަތްތައް ސަރުކާރުން ބޭނުންކޮށްފާނެ ކަމުގެ ބިރު އެބައޮތް ކަމަށް ބޮންޑޭ ވިދާޅުވިއެވެ. ނަމަވެސް، މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ބާއްވައިފިނަމަ، އިދިކޮޅު މައި ޕާޓީ އެމްޑީޕީން ބޮޑު އަޣުލަބިއްޔަތެއް ހޯދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޭނާ ދެއްވިއެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެމްޑީޕީގެ ތަޞައްވުރަކީ އަބަދުވެސް ރައްޔިތުންގެ ބައިވެރިވުން ހިމެނޭ، ލާމަރުކަޒީ ނިޒާމަށް ބާރުދޭ ސިޔާސަތުތަކެކެވެ.

އިބްރާހީމް ރަޝީދު އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަކީ މި ސަރުކާރަށް ރައްޔިތުންގެ މެދުގައި އޮތް ހަގީގީ ތާއީދު ވަޒަންކޮށްލަން ލިބޭނެ އެންމެ މުހިންމު "ބަރޯމީޓަރު" ކަމަށެވެ. މި އިންތިޚާބުގެ ނަތީޖާއިން ސަރުކާރުގެ މަގުބޫލުކަން ހުރި މިންވަރު ސާފުވެގެންދާނެ ކަމަށާއި، ރައްޔިތުންގެ ނިންމުމަކީ ސަރުކާރުގެ މިސްރާބު ރަނގަޅު ކުރުމަށް ލިބޭނެ ވަރުގަދަ މެސެޖަކަށް ވާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު