ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް
ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް
ތެލުގެ އަގުން ކުޑަލާރިކޮޅެއް ކަނޑާލާފައި ސަރުކާރުން މަސްވެރިންގެ ލޮލުގައި އަނދުން އެޅުވީ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ތުހުމަތު ކުރަށްވައިފިއެވެ.

ޝިޔާމް މިހެން ވިދާޅުވީ ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން މަސްގަންނަ އަގު މިއަދު ދަށްކުރުމާއި ގުޅިގެންނެވެ. މިފްކޯއިން މިއަދު ވަނީ މަސް ގަންނަ އަގު ކިލޯއަކުން ދެ ރުފިޔާ ދަށްކޮށްފައެވެ.

އެކަމާ ގުޅިގެން ޝިޔާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސެޕްޓެމްބަރު 21 ވަނަ ދުވަހުގައި މަހުގެ އަގުހިފަހައްޓާފައި އޮތް އޮތުން ދޫކޮށްލައި މަސްވެރިންގެ ލޮލުގައި އަނދުން އެޅުވީ ތެލުން ކުޑަލާރިކޮޅެއް ދަށްކޮށްލާފައިކަމަށެވެ. އަދި އޭގެ ފަހުން 3 ފަހަރުމަތިން މަހުގެ އަގު ދަށްކޮށްފިކަމަށް ވެސް ޝިޔާމް ފާހަގަކުރެއްވިއެވެ.

" މިއީތޯ މަސްވެރިންނަށް ވަޢުދުވި ހަމައަގަކީ؟ " ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ރައީސް ނަޝީދު ޓެގް ކުރަށްވައި ޝިޔާމް ސުވާލު ކުރަށްވާފައިވެއެވެ.

މިފްކޯއިން މިއަދު އަގަށް ގެނައި ބަދަލާއި ގުޅިގެން މިފްކޯގެ ސައިޓްތަކަށާއި ބޯޓްފަހަރަށް މަސްކިލޯއެއް ގަންނަމުންދާނީ 16 ރުފިޔާއަށެވެ. އަދި އައިސް ނާޅާ މަސް ގަންނަނީ 14 ރުފިޔާއަށެވެ. ކުރިން 10 ރުފިޔާއަށް ގަންނަމުންދިޔަ 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި މިއަދުން ފެށިގެން ގަންނާނީ 9 ރުފިޔާއަށެވެ. އައިސް ނާޅާ 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި ގަންނަނީ 7 ރުފިޔާއަށެވެ.

ހުސްވި ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު މިފްކޯއިން ވަނީ އެކުންފުނިން މަސްގަންނަން ގެންގުޅޭ ކޮންޓްރޯލް އަގު ދޫކޮށްލާފައެވެ. މިއާއެކު މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވަނީ ދޮށީގެ މަސްވެރިކަމުގައި ބާނާ ކަޅުބިލަ މަސް ގަނެވޭނެ އެންމެ ދަށް އަގު ނުވަތަ ފްލޯ ޕްރައިޒް އިއުލާންކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން