އިންތިޚާބުތައް އެއްކޮށްލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކީ ރައްޔިތުންގެ އަތުން ބާރުތައް އަތުލައިގަތުމަށް "ސިސްޓަމެޓިކްކޮށް" ދުރާލާ ރާވައިގެން ކުރާ ކަމެއް ކަމަށް ޕީޕީއެމުގެ ކުރީގެ ޑެޕިއުޓީ ލީޑަރު އިލްހާމް އަޙްމަދު ވިދާޅުވެއްޖެއެވެ.

ގެމަނަފުށީ ދާއިރާގެ މަޖިލިސް މެމްބަރުކަމާއި ދަނގެތީ ދާއިރާގެމެމްބަރުކަންވެސް ކުރެއްވި އިލްހާމު ރޭ ރާއްޖޭ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ މި ވަގުތަކީ ސަރުކާރު ހިންގާ ޕީ.އެން.ސީއަށް ސިޔާސީ ގޮތުން ފައިދާ ނެގޭނެ ވަގުތެއް ކަމަށް ވިޔަސް، ދެ އިންތިހާބު އެއްކުރުމަކީ ނުވަތަ އެއް ދުވަހެއްގައި ބޭއްވުމަކީ ޤާނޫނު އަސާސީ އިން ރައްޔިތުންނަށް ލިބިދީފައިވާ ބާރުތައް އަމިއްލަ އަތުން ބީވެގެންދާ ވަރަށް ވެސް ނުރައްކާތެރި ކަމެއް ކަމަށެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރުންކަންވެސް އަދާކުރެއްވި އިލްހާމް ވިދާޅުވި ގޮތުގައި، ލޯކަލް ކައުންސިލް އިންތިޚާބާއި އެހެނިހެން އިންތިޚާބުތައް އެއްކޮށްލުމުން ރައްޔިތުންގެ މަޖިލިސް ފަދަ ވަރުގަދަ މުއައްސަސާތަކަށް މެންބަރުން ހޮވުމުގައި ރައްޔިތުންނަށް އޮންނަ ބާރު ގެއްލިގެންދާނެއެވެ.

މިހާރު އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރެއްގެ ގޮތުން ހުންނެވި އިލްހާމު ވީޑާޅުވީ ވަކިވަކިން އިންތިޚާބުތައް ބޭއްވުމުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށާއި، ބަޖެޓުގެ ކަންކަމާއި ބޭސްފަރުވާގެ ނިޒާމަށް ހުރި ގޮންޖެހުންތަކާ މެދު ރައްޔިތުންގެ ބަސް އިއްވަން ފުރުސަތު ލިބޭނެ ކަމަށާއި، އެއާހިލާފަށް އިންތިޚާބުތައް އެއްކޮށްލުމުން ސިޔާސީ އޮޅުވާލުންތަކުގެ ތެރޭގައި ރައްޔިތުންގެ އަސްލު ބާރު ސަރުކާރުން އަތުލައިގަންނާނެ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

ސަރުކާރުގެ އިޚުލާޞްތެރިކަމާ މެދު ސުވާލު އުފައްދަވަމުން، ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރުކަންވެސް ކުރައްވާފައިވާ އިލްހާމް އިތުރަށް ވިދާޅުވީ، ޚަރަދު ކުޑަކުރުމުގެ ނަމުގައި މިކަން ކުރަން އުޅުނު ނަމަވެސް ސަރުކާރުގެ އެހެން ދާއިރާތަކުން ބޮޑެތި އިސްރާފުތައް ކުރަމުންދާ ކަމަށެވެ. އެމް.ޕީ.އެލް އާއި އެއާޕޯޓްސް ކޮމްޕެނީ ފަދަ ތަންތަނުންނާއި ރާއްޖެއިން ބޭރުގައި ހުރި މިޝަންތަކުން ބޮޑެތި ޚަރަދުތައް ކުރާއިރު، އިންތިޚާބަކުން 60 ނުވަތަ 70 މިލިއަން ސަލާމަތްކުރަން އުޅުމަކީ ހަގީގީ ސަބަބު ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅައި، ޖަވާބުދާރީވުމެއް ނެތި ސަރުކާރުން ކަންކަން ކުރަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މިހާރު ތިއްބެވި މަޖިލިސް މެންބަރުންނަށް އިލްތިމާސް ކުރައްވަމުން އިލްހާމް ވިދާޅުވީ، މި ބަދަލުތަކަށް "އާނއެކޭ" ބުނެފިނަމަ މެންބަރުންގެ އަމިއްލަ ސިޔާސީ ކުރިމަގުވެސް ގެއްލިގެން ހިނގައިދާނެ ކަމަށެވެ. އަދި މިއީ ހަމައެކަނި އެމް.ޑީ.ޕީއަށް އޮތް ފައިދާއެއްގެ ވާހަކަ ނޫން ކަމަށާއި، މިއީ މުޅި ރައްޔިތުންގެ ބާރާ ގުޅިފައިވާ ކަމަކަށްވާތީ، އަމިއްލަ "ކަރަށް މަޅި ނުމެހުމަށް" އޭނާ ހުރިހާ ރައްޔިތުންނަށް އާދޭހާއެކު ގޮވާލެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު