ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު
ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާ ގާތުން ޚިދުމަތް ދެވޭނީ އެކަން ގަބޫލުކުރާ އެމްޑީޕީގެ ކައުންސިލަރުން ތިބެގެން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެ އެވެ.

އައްޑޫ ހުޅުދޫ މީދޫގައި ބޭއްވި "އުންމީދެއްގައި" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ، ރަށްރަށް ހިންގުމަށްޓަކައި ރައްޔިތުންގެ އަޑުއަހައިގެން މަސައްކަތް ކުރެވޭނީ އެކަން ހިތުގެ އަޑިން ގަބޫލުކުރާ ބަޔަކަށް ކަމަށާއި، އެއީ އެމްޑީޕީގެ ސިޔާސަތު ކަމަށެވެ.

އެހެންކަމުން ވެރިކަމުގައި އެމްޑީޕީ އޮތަސް ނެތަސް، ލާމަރުކަޒީ ނިޒާމުން ރާއްޖެ ހިންގަން ބޭނުންވާނަމަ ކައުންސިލްތަކުގައި ތިބެންވާނީ އެމްޑީޕީގެ މެންބަރުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ސަރުކާރަށް ފާޑުވިދާޅުވަމުން ރައީސް ޞާލިޙު ވިދާޅުވީ، މިހާރުގެ ސަރުކާރުން ވެފައިވާ ވައުދުތަކާ އެއްގޮތަށް ރަށްރަށަށް އެއްވެސް ހެޔޮ ބަދަލެއް އަންނަމުން ނުދާ ކަމަށެވެ.

ޚާއްޞަކޮށް ރިޔާސީ އިންތިޚާބުގައި ވީ ބޮޑެތި ވައުދުތަކާއި ދެއްކެވި ވާހަކަފުޅުތަކާ އެއްގޮތަށް އަމަލީ މަސައްކަތެއް ނުފެންނަ ކަމަށާއި، ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައްވެސް މިހާރު ހުއްޓިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މި ހުޅުދޫއަށް، މީދޫއަށް އެއްވެސް ރަނގަޅު ބަދަލެއް އަތުވެއްޖެތޯ؟" ސުވާލު ކުރައްވަމުން، ރައްޔިތުން މި ހާލަތަށް ވިސްނުމަށްފަހު ކުރިއަށް އޮތް އިންތިޚާބުގައި ގޮތެއް ނިންމުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.

މީގެ އިތުރުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެން ކުރީ ސަރުކާރުގެ މަޝްރޫއެއް ނުހުއްޓާނެ ކަމަށް ވިދާޅުވި ނަމަވެސް، އަމަލީ ގޮތުން ފެންނަނީ ތަފާތު މަންޒަރެއް ކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި އޭރު އަޅާފައިވާ ބިންގާތައް މިހާރު ހުރީ "ގާވެފައި" ކަމަށާއި، އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށެވެ. އެހެންކަމުން، އަންނަ މަހުގެ 4 ވަނަ ދުވަހު އޮންނަ ވޯޓުގައި ރައްޔިތުން މިކަންކަމަށް ފުންކޮށް ވިސްނުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު