އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ (ގަޕޯ)
އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ (ގަޕޯ)
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ވަމުންދާ ވައުދުތަކަކީ "ދޮގު" ކަމަށް ސިފަކުރަށްވައި، އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ ހުޅުދޫ-މީދޫގައި ބޭއްވި "އުންމީދެއްގައި" ޖަލްސާގައި ވާހަކަދައްކަވަމުން ޣަފޫރު ވިދާޅުވީ، މި ސަރުކާރު އައިފަހުން ދޮގާއި ތެދު ވަކިކުރަން ނޭނގޭ މިންވަރަށް ކަންކަން ގޮސްފައިވާ ކަމަށާއި، މިހާރު ދިވެހި ރަދީފާއި ތާރީޚުގައިވެސް "ދޮގު" އެއީ "ވައުދު" ކަމަށް ލިޔަން ޖެހިފައިވާ ކަމަށެވެ.

ޣަފޫރުގެ ވާހަކަފުޅުގައި ސަރުކާރުން ގައުމުގެ ސިފަ ކަނޑުވާލައި، ރައްޔިތުންގެ ޓެކްސް ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް ގައުމު ލޫޓުވަމުންދާ ކަމަށް ތުހުމަތު ކުރެއްވިއެވެ.

އަދި ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާކަން ފާހަގަކުރައްވައި، އައްޑޫ ސިޓީއަށްވެސް ކުރިއެރުމެއް ލިބިފައިވަނީ އެމްޑީޕީގެ ސަރުކާރުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ކުރިއަށް އޮތް އިންތިޚާބުތަކުގައި ސަރުކާރަށް ވޯޓު ދޭންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި، ރައްޔިތުންގެ ފައިސާއަށް އިހުމާލުވާ ބަޔަކަށް ތާއީދުކުރަން ނުޖެހޭނެ ކަމަށްވެސް ގަފޫރު ވިދާޅުވިއެވެ.

ޣަފޫރު މިހެން ވިދާޅުވެފައިވާއިރު ކައުންސިލް އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 4 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު