ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު
ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު
ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ވަގުތާއި ހިޔާލާއި އިޚުލާސްތެރިކަމަށް އިންވެސްޓުކުރުން މުހިންމު ކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ރޭ ވިދާޅުވެއްޖެއެވެ.

އެ ކަމަނާ މިހެން ވިދާޅުވީ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމް.އާރް.ސީ) އިން އިސްނަގައިގެން އޮންލައިންކޮށް ބޭއްވި ވެބިނާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ވެބިނާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގައާއި މުސްތަޤްބަލުގައިވެސް ދިމާވެދާނެ މިފަދަ ޞިއްޙީ ކާރިސާއަކުން ރައްކާތެރިވުމަށްޓަކައި، ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރާ ހޭދައަކީ ހަމައެކަނި މާލީގޮތުން ކުރާ އިންވެސްޓްމަންޓަކަށް ވެގެން ނުވާނެކަމަށް ވިދާޅުވެފައެވެ. އަދި ހެޔޮ ބަދަލެއް ގެނައުމަށް ވަގުތާއި ހިޔާލާއި އިޚުލާސްތެރިކަމަށް ވެސް އިންވެސްޓުކުރަން ޢަޒުމް ކަނޑައަޅަންޖެހޭކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

އެ ކަމަނާ ވަނީ މުޖުތަމަޢެއް އާރާސްތުކުރުމުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ދައުރުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. މި ގޮތުން، ކޯވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން އިތުރުވެފައިވާ މިފަދަ ދަނޑިވަޅެއްގައި، ނަފްސާނީ ދުޅަހެޔޮކަމަށް ދޭ އަހަންމިއްޔަތުކަން ކުޑަ ކުރެވިއްޖެ ނަމަ، މި ހާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު އެއްބައި އުނިވެގެންދާނެ ކަމުގައި އެ ކަމަނާ ވިދާޅުވިއެވެ. މީގެ އިތުރުން އެ ކަމަނާ ވަނީ، ކޯވިޑް-19 އާއި ގުޅިގެން ނަފްސާނީ އަދި އިޖްތިމާޢީ އެހީތެރިކަމަށް ބޭނުންވެފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްޞަ ނިޒާމެއް ޤާއިމުކޮށްފައިވާތީ އެ ކަމާ އުފާކުރައްވާކަން ހާމަކުރައްވާފައެވެ. ހަމަ އެއާއެކު އެކަމަނާ ވަނީ ނަފްސާނީ ޞިއްޙަތު ކުރިއެރުވުމަށް މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެވެ.

ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ޤައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށްދިނުމާ ގުޅޭ ޤައުމީ ފެންވަރުގެ ސިޔާސަތުތަކެއް ވީ އެންމެ އަވަސް ފުރުޞަތެއްގައި ތަންފީޒުވެގެން ދިޔުމަކީ އެ ކަމަނާ އުންމީދުކުރަށްވާކަމެއް ކަމުގައެވެ. އަދި، އޭގެ ސަބަބުން ނަފްސާނީ ގޮތުން ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރުވެރިކަމެއް ލިބިގެންދާނެކަމަށާއި، އެ ފަދަ ބަލިތަކަށް ފަރުވާދެއްވާ ފަރާތްތަކަށް ޚާއްޞަކޮށްގެން "ކޯޑް އޮފް އެތިކްސް" އެކުލަވައިލެވޭނެ ކަމުގައި ފަޒުނާ ވިދާޅުވިއެވެ. އެ ފަދަ ސިޔާސަތެއް އެކުލަވައިލުމާއި ތަންފީޒުކުރުމުގެ މަރުޙަލާގައި، ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އަޑު އަހައި، އެ މީހުންގެ ޚިޔާލުތަކަށް މަރުޙަބާ ކިޔުމަށް ވެސް އެ ކަމަނާ އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅު ނިންމަވައިލެއްވީ، ނަފްސާނީ ބައްޔެއް ހުރިކަން ފާހަގަވާ ހިސާބުން ފެށިގެން، އެ ބައްޔަކަށް ފަރުވާ ހޯދުމުގެ މަސައްކަތް ފެށުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައި ލައްވަމުންނެވެ. މި ގޮތުން، އަވަސް ފަރުވާ ހޯދުމުގެ ބޭނުމަކީ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ހޯދުމާ، ބަލި މެނޭޖްކުރަން ދަސްކުރުން ކަމުގައި އެ ކަމަނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން