އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަން ހުށަހަޅާފައިވާ އިސްލާހާ ގުޅޭގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓުގައި، ސަރުކާރުން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތުކޮށްފިއެވެ.

މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ކުރީގެ ލީޑަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ، މި ބިލު ތަސްދީގުކުރަން ނުފެންނަ ނަމަ ވޯޓު ކަރުދާހުގައި 'ރަސްގެ' ނުވަތަ ނުބައި ފާހަގަ ޖަހަންޖެހޭ ކަމަށް ބުނެ ސަރުކާރުން ރައްޔިތުންނަށް އޮޅުވާލަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މުހައްމަދު ރަޝީދު ހުސައިން އިތުރަށް ވިދާޅުވީ، ސަރުކާރުން މިގޮތަށް އަމަލުކުރަނީ މި ވޯޓުގައި ސަރުކާރު ބަލިވާނެކަން އެނގޭތީ ރައްޔިތުންގެ މެދުގައި އޮޅުންބޮލުން އުފެއްދުމުގެ ބޭނުމުގައި ކަމަށެވެ. އަދި މިފަދަ ނިޒާމީ ބޮޑު ބަދަލެއް ގެނައުމަށް ކުއްލި ގޮތަކަށް ވޯޓެއް ނެގުމަކީ ރައްޔިތުންގެ އިންތިޚާބީ ހައްގުތަކަށް އުނިކަން އަންނާނެ ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ވޯޓަކީ، 20 ވަނަ މަޖިލީހުގެ ދައުރު ހަ މަސްދުވަހަށް ކުރުކޮށް، ދެ އިންތިޚާބު އެކުގައި ބޭއްވުމަށް ގާނޫނުއަސާސީއަށް ގެންނަން މަޖިލީހުން ފާސްކުރި އިސްލާހާ މެދު ރައްޔިތުންގެ ބަހެއް ހޯދުމަށް ނަގާ ވޯޓެކެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި، މި ބިލު ތަސްދީގުކުރަން ފެންނަ ނަމަ 'އާނއެކޭ' އާ ދިމާލުގައިވާ ގޮޅީގައި ރަނގަޅު ފާހަގަ ޖަހަންޖެހޭއިރު، ތަސްދީގުކުރަން ނުފެންނަ ނަމަ 'ނޫނެކޭ' އާ ދިމާލުގައިވާ ގޮޅީގައި ރަނގަޅު ފާހަގަ ޖަހަންޖެހޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު