އީގޯ ޓިއުޑޯ
އީގޯ ޓިއުޑޯ
އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމް ހޮޓްސްޕާގެ ވަގުތީ ކޯޗުގެ މަގާމާ ހަވާލުވިތާ އެންމެ 44 ދުވަސް ތެރޭގައި އީގޯ ޓިއުޑޯ އެ ކްލަބުން ވަކިވެއްޖެއެވެ. ޓޮޓެންހަމުން ބުނީ، ކްރޮއޭޝިއާގެ ކޯޗާއެކު އެއްބަސްވުމަކަށް އައިސް އޭނާ މަގާމުން ވަކިކުރީ ދެފަރާތް އެއްބަސްވެގެން ކަމަށެވެ.

ޓިއުޑޯއާ އެކު އެ ކްލަބުގެ ގޯލްކީޕަރު ކޯޗު ޓޮމިސްލާވް ރޮގިޗް އާއި ފިޒިކަލް ކޯޗު ރިކާޑޯ ރަގްނާޗީ ވެސް ވަނީ ކްލަބުން ވަކިވެފައެވެ. ޓިއުޑޯ މަގާމުން ވަކިވިއިރު، އޭނާ ވަނީ ޓޮޓެންހަމަށް ހަތް މެޗުގައި އިރުޝާދުދީފައެވެ. ނަމަވެސް މީގެ ތެރެއިން ފަސް މެޗުން ވަނީ ބަލިވެފައެވެ. އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ ހަތަރު މެޗުން ވެސް ޓޮޓެންހަމް ބަލިވިއިރު، މިއީ އެ ކްލަބުގެ ތާރީޚުގައި ވެސް ކޯޗަކު ފެށި އެންމެ ދަށް ނަތީޖާއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ތޯމަސް ފްރޭންކް ވަކިކުރުމަށްފަހު، މި ސީޒަނުގެ ނިޔަލަށް ހަވާލުވި ޓިއުޑޯގެ ފަހު މެޗަކީ މިދިޔަ މާޗު މަހުގެ 22 ވަނަ ދުވަހު ނޮޓިންހަމް ފޮރެސްޓް އަތުން 3-0 އިން އަމިއްލަ ދަނޑުގައި ބަލިވި މެޗެވެ. މި ނަތީޖާއާއެކު ޓޮޓެންހަމް މިހާރު އޮތީ ތާވަލުގެ 17 ވަނައިގައެވެ. އެއީ ރެލިގޭޝަން ޒޯނަށްވުރެ އެންމެ ޕޮއިންޓެއް ކުރިއެވެ.

ޓިއުޑޯގެ ކޯޗިން ދައުރުގައި ޓޮޓެންހަމްގެ ފަރާތުން ފެނުނީ ވަރަށް ދަށް ކުޅުމެކެވެ. ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި އެތުލެޓިކޯ މެޑްރިޑް އަތުން 5-2 އިން ބަލިވިއިރު، ޓިއުޑޯގެ ބައެއް ނިންމުންތަކަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. ޚާއްޞަކޮށް، ގޯލްކީޕަރު ވިކާރިއޯގެ ބަދަލުގައި އާންޓޮނީން ކިންސްކީ ކުޅެން އެރުވުމަށްފަހު، އޭނާ އަތުން ހެދުނު ގޯސްތަކަކާ ގުޅިގެން މެޗުގެ 17 ވަނަ މިނެޓުގައި ބޭލުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ.

ޓޮޓެންހަމުން ވަނީ ވޭތުވެދިޔަ ހަ ހަފުތާގައި ޓިއުޑޯ ކުރި މަސައްކަތަށް ޝުކުރު އަދާކޮށްފައެވެ. އަދި ދާދި ފަހުން އޭނާގެ ބައްޕަ ނިޔާވުމާ ގުޅިގެން ކުރިމަތިވި ހިތާމަވެރި ދަނޑިވަޅުގައި ކްލަބުގެ ފަރާތުން ހަމްދަރުދީ ފޮނުވާފައިވެއެވެ. ބައްޕަ ނިޔާވުމާ ގުޅިގެން ފޮރެސްޓް މެޗަށްފަހު ޓިއުޑޯ މީޑިއާއާ ވާހަކަދައްކާފައެއް ނުވެއެވެ.

ޓޮޓެންހަމުން ބުނީ، އާ ކޯޗަކު އައްޔަންކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށެވެ. ހަމައެއާއެކު ބީބީސީ ސްޕޯޓްސް އިން ރިޕޯޓް ކޮށްފައިވަނީ، ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އާ ކޯޗެއް ހަމަޖެހޭނެ ކަމަށެވެ. އަދި އެހާތަނަށް ކްލަބްގެ ފަރިތަކުރުންތައް ކުރިއަށް ގެންދާނީ އެސިސްޓަންޓް ކޯޗު ބްރޫނޯ ސަލްޓޯގެ ބެލުމުގެ ދަށުންނެވެ.

ޓޮޓެންހަމަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ 1977 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ފުރަތަމަ ޑިވިޝަނުން ރެލިގޭޓްވުމުގެ ބިރެވެ. ލީގުގައި އެންމެ ފަހުން ކުޅުނު 13 މެޗުން ވެސް އެ ޓީމަށް މޮޅެއް ލިބިފައެއް ނުވެއެވެ. އަދި ޖޭމްސް މެޑިސަން އާއި ޑޭޔާން ކުލުސެވްސްކީ ފަދަ މުހިންމު ކުޅުންތެރިންނަށް އަނިޔާވެފައިވުމަކީ ވެސް އެ ޓީމަށް އޮތް ބޮޑު ތަކުލީފެކެވެ.

އިންޓަނޭޝަނަލް ބްރޭކަށްފަހު ޕްރިމިއަރ ލީގުގައި، ޓޮޓެންހަމް ދެން ނުކުންނާނީ އޭޕްރީލް 12 ވަނަ ދުވަހު ސަންޑަލޭންޑާ ދެކޮޅަށެވެ. ލީގުގައި ބާކީ އޮތް ހަތް މެޗުން ނަތީޖާ ރަނގަޅުކޮށް، ޕްރިމިއާ ލީގުގައި ދެމިއޮތުމަކީ މިހާރު އެ ކްލަބުގެ އެންމެ ބޮޑު އަމާޒެވެ.



ކިޔުންތެރިންގެ ހިޔާލު