ރައީސް އިބޫ
ރައީސް އިބޫ
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ (އތމ) އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން، އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބާއްވާ ބޮޑު ޖަލްސާ މިރޭ ހުޅުމާލޭގައި ބޭއްވުމަށް ނިންމައިފިއެވެ.

"ހޭވައްލާ ތައްޔާރު" ނަމުގައި ބާއްވާ މި ޚާއްޞަ ޖަލްސާ އޮންނާނީ މިރޭ (ބުދަ ދުވަހުގެ ރޭ) 8:30 ގައި ހުޅުމާލެ ފޭސް 1 ގެ ރުއްގަނޑު 2 ސަރަޙައްދުގައެވެ.

މި ޖަލްސާގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް އަދި އެމްޑީޕީގެ އިސް ފަރާތްތަކުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ ޕާޓީން މަޢުލޫމާތު ދެއެވެ. ޚާއްޞަ ގޮތެއްގައި މި ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙް ބައިވެރިވެވަޑައިގެން، ކެމްޕޭނުގެ ފޯރި ގަދަކުރުމަށްޓަކައި ޕާޓީގެ މެންބަރުންނާ ބައްދަލުކުރައްވާނެއެވެ.

އެމްޑީޕީން ބުނި ގޮތުގައި، މި ޖަލްސާއަކީ އިންތިޚާބަށް ޕާޓީގެ ސަޕޯޓަރުން ހޭލުންތެރިކުރުވައި، ކެމްޕޭން ހަރަކާތްތައް ރަސްމީކޮށް ވަރުގަދަކުރުމަށް ބާއްވާ މުހިންމު ޖަލްސާއެކެވެ. އެހެންކަމުން، ވީހާވެސް ގިނަ ބަޔަކު މި ޖަލްސާއަށް ވަޑައިގެން ދެއްވުމަކީ އެ ޕާޓީގެ ވަރަށް ބޮޑު އެދުމެކެވެ.

މި އިންތިޚާބަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށްޓަކައި އެމްޑީޕީން ބޮޑު އަހައްމިއްޔަތުކަމެއް ދޭ އިންތިޚާބަކަށް ވާއިރު، މިރޭގެ ޖަލްސާގައި ޕާޓީގެ ސިޔާސަތުތަކާއި ކުރިއަށް ހުރި ރޭވުންތަކާ ބެހޭގޮތުން ވާހަކަދެއްކުމަށް ވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު