މަޖިލީހުގެ ކުރީގެ މެންބަރު އިލްހާމް އަހުމަދު
މަޖިލީހުގެ ކުރީގެ މެންބަރު އިލްހާމް އަހުމަދު
ވޯޓުލާ މަރުކަޒުތަކުގައި ތިބޭ އޮފިޝަލުން، ވޯޓުލާންދާ މީހުންގެ ގާތުގައި ބޭނުންވަނީ ކިތައް ކަރުދާސްތޯ އެހުމަކީ ގާނޫނީ ކުށެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

އިލްހާމް މިހެން ވިދާޅުވީ، މިއަދު ކުރިއަށްދާ އިންތިޚާބުތަކުގައި ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ބައެއް އުސޫލުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ، ވޯޓުލާ މީހަކު ވަކި އިންތިޚާބެއްގެ ކަރުދާސް ބޭނުންނުވާނަމަ، އޮބްޒާވަރުންގެ ކުރިމަތީގައި އެކަން އިއުލާންކޮށް، އެ މީހަކު ބޭނުންވާ ކަރުދާސް އެކަނި ދޫކުރުމަށެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިލްހާމް ވިދާޅުވީ، ވޯޓުލުމަށް ޕްރިންޓް ކުރެވިފައިވާ ކަރުދާސްތަކުގެ ތެރެއިން ކޮންމެ ރައްޔިތަކަށް ލިބެންޖެހޭ ހުރިހާ ކަރުދާހެއް ހަމައަށް ދޭންޖެހޭނެ ކަމަށެވެ. އަދި ވޯޓުލުމާ ގުޅޭގޮތުން ގޮތް ނިންމާނީ އެ ރައްޔިތަކު އަމިއްލައަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ވޯޓުލާނީތޯ ނޫންތޯ، ފާހަގަ ޖަހާނީތޯ ނޫންތޯ ނިންމަވާނީ އެ ރައްޔިތަކު އަމިއްލައަށް. އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ވޯޓުފޮށީގެ އެއްވެސް އޮފިޝަލަކު، ވޯޓުލާންދާ މީހާ ކައިރީގައި ވޯޓު ކަރުދާސް ބޭނުންވާ އަދަދު އެހުމާއި، އެފަދަ ވާހަކަ ދެއްކުމަކީ ގާނޫނީ ކުށެއް،" އިލްހާމް ވިދާޅުވެފައިވެއެވެ.

އިލްހާމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިލެކްޝަންސް ކޮމިޝަނުން މިހާރު އަމަލުކުރަން ނިންމާފައިވާ ގޮތުގެ ސަބަބުން ވޯޓުގެ ސިއްރުކަން ގެއްލިގެންދެއެވެ.

ވޯޓުލާ މީހާ ބޭނުންވާ ކަރުދާހުގެ އަދަދު އޮބްޒާވަރުންގެ ކުރިމަތީގައި ހާމަކުރަން ޖެހުމަކީ އިންތިޚާބުގެ މިނިވަންކަމާއި ސިއްރުކަމަށް އެޅޭ ހުރަހެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު