މިއީ އޭއައި ބޭނުން ކޮށްގެން ހަދާފައިވާ ފޮޓޯއެއް
މިއީ އޭއައި ބޭނުން ކޮށްގެން ހަދާފައިވާ ފޮޓޯއެއް
އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދުގެ އިސްތިއުފާއަށް އިދިކޮޅު އެމްޑީޕީން ގޮވާލައިފިއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، ލޯކަލް ކައުންސިލް އިންތިޚާބާ ބެހޭ ތަރުޖަމާން އަބްދުﷲ ވަހީދު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަންގެ ތައްޔާރީތައް ހުރީ އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެ ފަދަ މަގަކުން ނޫން ކަމަށާއި، މުޅި އިންތިޚާބުގެ ތެރޭގައި އޮޅުންބޮޅުންތަކާއި ގަޑުބަޑުތައް ހިނގާފައިވާ ކަމަށެވެ.

އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކޮށްފައިވަނީ ސަރުކާރުގެ ނުފޫޒުގެ ދަށުގައެވެ. ވަކިން ޚާއްސަކޮށް، ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ނުބެހެއްޓުމަށް ނިންމި ނިންމުމަކީ ގިނަ ރައްޔިތުންނަށް ވޯޓުލުމުގެ ހައްގުން މަހުރޫމް ކުރުމަށް ސަރުކާރަށް ތަބާވެގެން ނިންމި ނިންމުމެއް ކަމަށް ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން، އިންތިޚާބުގެ އިންތިޒާމުތައް ދޯދިޔާކޮށްލުމަކީ ސަރުކާރަށް ކާމިޔާބު ހޯދައިދިނުމަށް ކޮމިޝަނުން ކުރި މަސައްކަތެއްގެ ގޮތުގައި އެ ޕާޓީން ސިފަ ކޮށްފައިވެއެވެ. ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދުގެ އިސްތިއުފާއަށް ގޮވާލަމުން އެމްޑީޕީން ބުނީ، އިންތިޚާބު ފެށެން ކުޑަވަގުތުކޮޅަކަށް ވެފައި ވަނިކޮށް ވޯޓުގެ ސިއްރުކަން ގެއްލޭ ފަދަ ގޮތަކަށް އޭނާ ވާހަކަ ދައްކަވާފައިވާ ކަމަށެވެ.

އަދި މިނިވަން މުއައްސަސާއެއްގެ ވެރިއެއްގެ ހައިސިއްޔަތުން މުސްތަގިއްލުކަމާއެކު މަސައްކަތް ކުރެއްވުމުގެ ގާބިލުކަން ނެތް ނަމަ، އެ މަގާމުން ފެޔަށް ޖެހިވަޑައިގަތުމަށް ވަނީ ގޮވާލާފައެވެ. އިންތިޚާބުގެ ނަތީޖާއަށް އަސަރުކުރާނެ ފަދަ ގޮތްގޮތަށް ކޮމިޝަނުން އަމަލުކޮށްފައިވާ ކަމުގެ މައުލޫމާތު އެ މުއައްސަސާގެ އެތެރެއިން ވެސް ލިބެމުންދާ ކަމަށް އެމްޑީޕީން މިއަދު ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު